މިދިޔަ ޖުލައި މަހު ދިވެހިރާއްޖޭގެ ދައުލަތުގެ ރަސްމީ ރިޒާވް، އޭގެ ކުރީ މަހާ އަޅައިބަލާއިރު ހަތް ޕަސެންޓް ދަށްވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖުލައި މަހު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ 775 މިލިއަން ޑޮލަރެވެ. ނަމަވެސް، އޭގެ ކުރީ މަހު ކަމަށްވާ ޖޫން މަހު ރިޒާވްގައި 832 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ 57 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.
މި އަހަރު ތެރޭގައި ރިޒާވްގައި ހުރި އަދަދުތަކަށް ބަލާއިރު، މި އަދަދުތައް ވަނީ އެކި ގޮތްގޮތަށް ބަދަލުވެފައެވެ.
- ޖަނަވަރީ: 708 މިލިއަން ޑޮލަރު
- ފެބްރުއަރީ: 832 މިލިއަން ޑޮލަރު
- މާރިޗު: 791 މިލިއަން ޑޮލަރު
- އޭޕްރިލް: 856 މިލިއަން ޑޮލަރު
- މެއި: 816 މިލިއަން ޑޮލަރު
- ޖޫން: 832 މިލިއަން ޑޮލަރު
- ޖުލައި: 775 މިލިއަން ޑޮލަރު
މިއީ ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރު ފައިސާގެ ރިޒާވް ދަށްވެ، ޑޮލަރުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ފެނިގެންދާ ހުއްޓުމެކެވެ. މިކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުން ކަންބޮޑުވުންތަކެއް ވަނީ އިތުރުވެފައެވެ.
ބޭރު ފައިސާގެ ރިޒާވް ދަށްވުމާ ގުޅޭ ގޮތުން މި ފަހުން އެމްއެމްއޭއިން ބުނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ފަތުރުވެރިކަން ދަށްވެ ޑޮލަރުގެ އާމްދަނީ ނުލިބުނު ނަމަވެސް، މިހާރު ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި ބޭރު ފައިސާގެ އާމްދަނީ އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ރިޒާވުން އޭގެ އެންމެ އެދެވޭ ބަދަލު ނުފެންނަ ސަބަބުތަކުގެ ތެރޭގައި ތެލަށް ކުރާ ޚަރަދު ބޮޑުވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭރުގެ ދަރަނި އަދާކުރުމަށާއި، އަމިއްލަ ވިޔަފާރިތަކާއި އާންމުންގެ ބޭނުމަށް ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއިން ވިއްކާ ޑޮލަރުގެ އަދަދު އިތުރުވުން ހިމެނޭ ކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ. މިކަންކަމުގެ ސަބަބުން ރާއްޖޭގެ ރިޒާވަށް ދަނީ ބުރަވެ، ދަށްވަމުންނެވެ.




