މާލެ ތެރެއަށް ފުޅާ ދާއިރާއެއްގައި ބަނގުރާ ސަޕްލައިކޮށް، ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅިގެން ތުހުމަތުކުރެވޭ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ކަރޯގޭ، މުހައްމަދު ރަޝްވާން އައްބާސް އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހާ ހަމައަށް ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. އެ އޮޕަރޭޝަނުގައި މާލޭގެ ހ. މާދޫގެ ބަލައި ފާސްކޮށް، 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެއިތުރުން، މި ނެޓްވޯކާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި މީގެކުރިން ބަންގްލަދޭޝްގެ ތިން މީހަކު ވެސް ވަނީ ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް މުއްދަތު ޖަހާފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި ރަޝްވާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. އަދި ހ. މާދޫގެ ބަލައި ފާސްކޮށްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައި، އަދި އޭނާގެ މަސްލަހަތު ހިމާޔަތްކޮށްދޭނެ އެއްވެސް ފަރާތެއް ނެތި ކަމަށް ބުނެ، ކަފާލާތުގެ ދަށުން އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދިފައިވެއެވެ.
ނަމަވެސް، ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ބާވަތަށާއި ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، މިވަގުތު އޭނާ ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





