މީހެއްގެ އަބުރު ކަތިލުމުން ލިބޭ ގެއްލުމާއި ހިތާމައަކީ، ޖިސްމާނީ ގޮތުން ދެވޭ އަނިޔާއަށް ވުރެ ވެސް މާބޮޑު އަދި ވޭންދެނިވި ކަމެއް ކަމުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ. ”މުސްލިމުންގެ އަބުރާއި ޢިއްޒަތް“ މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި، އަބުރު ރައްކާތެރިކުރުމުގެ މުހިންމުކަމާއި އަނެކުންގެ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަނީ ފުޅާ ދާއިރާއެއްގައި އަލިއަޅުވައިލައްވައިފައެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، މާތް ﷲ އިންސާނާ މާތްކުރައްވައި މަތިވެރިކުރެއްވި އިރު، އިންސާނާގެ ޤަދަރާއި ޢިއްޒަތް ގެއްލިދާނެ ކޮންމެ ކަމެއް އެކަލާނގެ ވަނީ ނަހީކުރައްވައިފައެވެ. އަދި އިންސާނާގެ އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތް ބާވައިލެއްވުމުގެ މައިގަނޑު ފަސް މަޤުޞަދުގެ ތެރެއިން އެއް މަޤުޞަދެވެ. މިގޮތުން، އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް މިހައި ބޮޑު އިސްކަމެއް ދީފައިވަނީ، އަބުރު ގެއްލުވައިލުމުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރަށް، މުޅި މުޖުތަމަޢުގެ އެއްބައިވަންތަކަން ގެއްލި، އިޖުތިމާޢީ ފޭރާން ވީދިގެންދާނެތީ ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
މީހަކަށް ޖިސްމާނީ ގޮތުން ގެއްލުމެއް ދިނުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށް ވިޔަސް، މީހެއްގެ އަބުރު ކަތިލުމުން ލިބޭ ހިތާމަ މާ ބޮޑުކަން ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވީ، އަބުރު ގެއްލުވައިލުމުން އެ މީހަކު މުޖުތަމަޢުގައި އުޅެންޖެހެނީ އިންތިހާ ދަރަޖައިގެ ވޭނާއި ހިތްދަތިކަމުގައި ކަމަށެވެ. އަދި ބޭރުފުށުން އެއްވެސް ޒަޚަމެއް ފެންނަން ނެތް ނަމަވެސް، މުޖުތަމަޢުން އެކަހެރިވެ، އެ މީހާގެ ހިތާއި ނަފުސުގައި އަޅާ ވޭނަކީ ބަޔާންކުރަން ވެސް ދަތި ބޮޑު ވޭނެއް ކަމުގައި ފާހަގަކުރެއްވިއެވެ.
އަބުރު ރައްކާތެރިކުރުމަށް އިސްލާމްދީނުގައި އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުއްވައިލައްވަމުން، އެކަށީގެންވާ ހެކި ނެތި މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ ލަޢުނަތް ލެއްވިގެންވާ ބޮޑު ފާފައެއްކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އެފަދަ ތުހުމަތުތައް ސާބިތުކުރުމަށް ހަތަރު ފިރިހެނުންގެ ހެކިބަސް ނުގެނެވިއްޖެ ނަމަ، އެ ވާހަކަ ފެތުރި މީހެއްގެ ގައިގައި އަށްޑިހަ އެތިފަހަރުން ޙައްދު ޖަހައި، އެއީ ފާސިޤުން ކަމުގައި ކަނޑައަޅައި، ދުވަހަކު ވެސް އެމީހުންގެ ހެކިބަސް ޤަބޫލުނުކުރުމަށް ޝަރީޢަތުގައި އަންގަވާފައިވާކަން ބަޔާންކުރެއްވިއެވެ. މީގެއިތުރުން، މީހުންނާ މެދު ނުބައިކޮށް ހީކުރުމާއި، މީސްމީހުންގެ ޒާތީ ކަންކަން ބަލައި ޖާސޫސްކުރުމަކީ ވެސް ޙަރާމްކުރައްވާފައިވާ ކަންކަމެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ، އާންމު ގޮތެއްގައި މީސްތަކުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެވެނީ ދުލުގެ ސަބަބުން ކަމަށެވެ. މުޢާޛްގެފާނަށް ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّމ ދެއްވި އިރުޝާދުގައި، މީސްތަކުން ނަރަކައަށް އެއްލައިލެވެނީ އެބައިމީހުން ދައްކާ ވާހަކަތަކުގެ ސަބަބުން ކަމަށް ޙަދީޘްކުރައްވާފައިވާކަން ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އަދި ދުލާއި ލަދުވެތި ގުނަވަން ރައްކާތެރިކޮށްފި މީހަކަށް ސުވަރުގެ ލިބޭނޭކަމުގެ ޔަޤީންކަން މާތް ނަބިއްޔާ ދެއްވާފައިވާކަން ވެސް ހަނދާންކޮށްދެއްވިއެވެ.
މިއަދުގެ ޒަމާނީ އަދި ބަވަނަވެފައިވާ ދުނިޔޭގައި، ސޯޝަލް މީޑިއާ (މީސްމީޑިޔާ) މެދުވެރިކޮށް ހިނގާ ނުރައްކާތެރި ކަންކަމަށް ވެސް ޚުޠުބާގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އެގޮތުން، ކުރެވޭ ފާފައިގެ ބޮޑުކަމާ މެދު ވިސްނުމެއް ނެތި، ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި މީހުންގެ އަބުރު ކަތިލައި މުޅި ދުނިޔެއަށް ފަޟީޙަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި ޒާތީ ޙަސަދަވެރިކަމާއި ރުޅިވެރިކަމުގައި، އެއްވެސް ޙަޤީޤަތެއް ބެލުމެއް ނެތި، ތިމާމެންގެ ޅަދަރީންގެ ކުރިމަތީގައި މީސްމީޑިޔާގައި އަނެކުންގެ އަބުރު ކަތިލުމަކީ ނުހަނު ހިތާމަހުރި، ނުރައްކާތެރި ޢަމަލެއް ކަމުގައި ވިދާޅުވެ، އެފަދަ ފާފަތަކުން ދުރުހެލިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.





