މާލޭގެ މަޖީދީމަގުގައި ހުންނަ ”އަތަމާ ޕެލެސް“ ގެ ތިރީގައި ހިންގަމުން އަންނަ ރެސްޓޯރެންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވި ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހަވީރު 17:27 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ފަޔަރފައިޓަރުން ކުރި ހަލުވި އަދި ހިތްވަރުގަދަ މަސައްކަތުން، އެ ރެސްޓޯރެންޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު ހަވީރު 17:44 ހާއިރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ އެ ރެސްޓޯރެންޓުގެ ބަދިގޭގައި ބޭނުންކުރަމުން ދިޔަ ގޭސްފުޅިއެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް އެ ފަރާތުން ބުނެފައިވެއެވެ.





