ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަމުން އައި ”ކޮފްސީ ސިރަޕް“ ގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ. މި ނިންމުން މިއަދުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ.
”ކޮފްސީ ސިރަޕް“ އަކީ ކެއްސުން ރަނގަޅުކުރުމަށް ޑޮކްޓަރުން އާއްމުކޮށް ދެއްވާ ބޭހެކެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ، އެ އޮތޯރިޓީން ބޭސްތަކުގެ ރައްކާތެރިކަމާއި ކޮލިޓީ ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ”ކޮފްސީ ސިރަޕް“ ގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިއަދުން ފެށިގެން މި ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
އެމްއެފްޑީއޭއިން އިތުރަށް ބުނީ، މިވަގުތު ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބޭސްތަކުގެ މާކެޓް ސާވައިލަންސް ކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށާއި، ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
އެހެންކަމުން، އެއްވެސް ފާމަސީއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި ”ކޮފްސީ ސިރަޕް“ ހުރިނަމަ، ބޭސް ނައްތާލުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އެ ބޭސް ނައްތާލުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.
މީގެ އިތުރުން، އެމްއެފްޑީއޭއިން ވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމުގައްޔާއި ގުދަންކުރުމުގައި ކަމާ ބެހޭ މިންގަނޑުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

