މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓަރީނުވެ އަދި އަދާހަމަ ލައިސަންސެއް ނެތި ބައެއް ފަރާތްތަކުން ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަފަރުދުންގެ މުއައްސަސާތަކުގައި ނަރުހުންނާއި މިޑްވައިފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުން، މިކަމަކީ ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނާ ޚިލާފު ކަމެކެވެ. ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރެވޭނީ ކައުންސިލްގައި ރަޖިސްޓްރީކޮށް، ކައުންސިލުން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ.
އަދި ހަމައެއާއެކު، ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ފަރާތްތަކުން ލައިސަންސް އައުނުކޮށް މަސައްކަތްކުރުމަކީ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ. މިފަދަ ކަންކަން ފާހަގަވުމާ ގުޅިގެން، ޞިއްޙީ ޚިދުމަތްދޭ މުއައްސަސާތަކުގެ ސަލާމަތްތެރިކަމާއި ފަންނީ ފެންވަރު ކަށަވަރުކުރުމަށްޓަކައި މިނިސްޓްރީން ދަނީ ފިޔަވަޅު އަޅަމުންނެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ނަރުހުންނާއި މިޑްވައިފުންގެ ތެރޭގައި އިދާރީ މަސައްކަތްކުރާ ފަރާތްތަކާއި، ތަމްރީނުކުރުމުގައި އުޅޭ ފަރާތްތައްވެސް ހިމެނެއެވެ. މީގެ ތެރޭގައި ނާރސިންގ ޑިރެކްޓަރުން، ނާރސިންގ އެޑްމިނިސްޓްރޭޓަރުން، ނާރސް އެޑިއުކޭޓަރުން އަދި ނާރސިންގ ލެކްޗަރަރުންވެސް ހިމެނެއެވެ. މިފަދަ ހުރިހާ މަޤާމެއްގައި މަސައްކަތްކުރާ ފަރާތްތައްވެސް މޯލްޑިވްސް ނާރސިންގް އެންޑް މިޑްވައިފްރީ ކައުންސިލްގައި ރަޖިސްޓަރީވެ، އަދާހަމަ ލައިސަންސެއް އޮންނަން ޖެހެއެވެ.
ނަރުހެއް ނުވަތަ މިޑްވައިފެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމަށް ކައުންސިލުގައި ރަޖިސްޓްރީވެ، އަދާހަމަ ލައިސަންސެއް އޮންނަންޖެހޭކަން މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފައެވެ. މިކަމަކީ ޤާނޫނީގޮތުން މަޖުބޫރީ ކަމެއް ކަމަށާއި، މި ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ އިންޒާރު ދީފައެވެ.

