އއ.ރަސްދޫގައި ޕާސްޕޯޓް ޚިދުމަތާއި އައިޑީކާޑްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ފަށްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި، ދާޚިލީ ސަލާމަތާއި ފަަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް އއ. އަތޮޅު ކައުންސިލުގައި ފެށުމާއެކު އެއަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރެއްވިއެވެ.
ޑީއެންއާރުން ހާމަކުރެއްވި ގޮތުގައި، މިހާރު 28 ރަށެއްގައި މިޚިދުމަތް ދެމުންދާކަމަށެވެ. އަދި އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުން ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.
ރަސްދޫގައި އައިޑީކާޑްގެ ޚިދުމަތް ތަޢާރަފްކޮށްފައިވާއިރު ޕާސްޕޯޓުގެ ޚިދުމަތްވެސް މިހާރު ލިބޭނެއެވެ. މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މިޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް މިވަނީ ދޭން ފަށާފައެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ޚިދުމަތް ދެމުން އަންނައިރު، ރާއްޖެއިން ބޭރުގައިވެސް މި ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތްވަނީ ފަށާފައެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ކައިރިން ލުއިފަސޭހަކަމާއެކު ސަރުކާރުގެ މުހިންމު ޚިދުމަތްތައް ލިބިގެންދާނެއެވެ.

