ހުޅުމާލޭގައި ފަޅަށް ދޫކޮށްލާފައި އޮތް ސިޓީ ހޮޓާ، މީޑިއާ ވިލެޖު ހިމެނޭހެން އިތުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް، ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަސައްކަތް، ދުބާއީގެ ’ޑީޕް ސީ ފުޑް ކޮމްޕެނީ’ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ މިރޭ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެވުނީ އެޗްޑީސީން ހުޅުމާލޭގައި ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާޙު އަލީގެ އިތުރުން ސީސީއޯ އަހުމަދު އަސްލަމެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.
މި އެއްބަސްވުމުގެ ދަށުން ހޮޓަލުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު އެޗްޑީސީއަށް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ އަހަރަކު ބިމު ކުލީގެ ގޮތުގަައި 14.4 މިލިއަން ރުފިޔާ ވެސް އެޗްޑީސީއަށް ލިބޭނެއެވެ.
މި ހޮޓާ ގާއިމުކުރާނީ ’މެންހަޓަން ގްރޭންޑް’ގެ ނަމުގައެވެ. އެތަނުގެ ތިން ފަންގިފިލާއާއި، އިތުރު ފަންގިފިލައެއްގެ އެއްބައި، ޚާއްސަކުރަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ހަތަރު ވައުދެއް ފުއްދައިދިނުމަށެވެ. އެގޮތުން މި ފަންގިފިލާތަކުގައި ތަރިކަ ކޮލެޖާއި، މެޑިކަލް ކޮލެޖާއި، މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރު ގާއިމުކުރާނެއެވެ. މި ސަރުކާރުގެ ބޭނުމަށް ތަރައްގީކުރާ މި ފަންގިފިލާތަކުގެ މަސައްކަތް ކުރިއަށް ފަސް މަހުގެ ތެރޭ ނިންމައި ހަވާލުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
މި ހޮޓާ ހުޅުވާއިރު، 158 ކޮޓަރިއާއި ބެންކުއިޓް ހޯލަކާއި މަލްޓިޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލުތަކާއި ސްވިމިން ޕޫލު ހުންނާނެއެވެ. އަދި ފުޑް އެންޑް ބެވެރެޖްގެ ބައިނަލްއަގުވާމީ ހަތަރު ބްރޭންޑަކާއި ޖިމާއި ސްޕާގެ ޚިދުމަތް ވެސް ގާއިމުކޮށްފައި ހުންނާނެއެވެ.
މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް އެއް އަހަރު ތެރޭ މި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވަން ޖެހެއެވެ.


