މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުމުގެ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ ޏ. ފުވައްމުލަކުގެ ދެ މީހަކު ގދ. ތިނަދޫއިން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ޚާއްޞަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނަކީ އަޕާ ސައުތު ޕޮލިސްގެ ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިސް އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގދ. ތިނަދޫ، މިއްރީހުގެ ބަލައި ފާސްކޮށް، ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދޯނާޑް، މުހައްމަދު ޘަނާއު (31އ) އަދި ޏ. ފުވައްމުލައް، ކެމީ، އިބްރާހީމް ނުއާސް (30އ) އެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި ދެ މީހުންނަކީ ވެސް މި ޑްރަގު ނެޓްވޯކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ މީހުން ކަމަށެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެއިތުރުން، އެމީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 107.72 ގްރާމުގެ ޝީޓަކާއި، 31.25 ގްރާމް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ތަކެތީގެ ޖުމްލަ ވަގުތީ ބަރުދަނުގައި 138.97 ގްރާމް ހުއްޓެވެ.
މި އޮޕަރޭޝަންގެ ތެރެއިން އިތުރު ދެ ގެއެއް ވެސް ބަލައި ފާސްކޮށްފައިވާ އިރު، މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނާއި ކްރައިމް ސެލް އިންވެސްޓިގޭޝަން ގުޅިގެން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





