ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ރައްޔިތަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ވޭތުވެދިޔަ ބުދަ ދުވަހު ރާއްޖެ އެތެރެވާން އުޅުމުގެ ތެރޭގައެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޭނާ ރާއްޖެ ގެނައި ލަގެޖް ޗެކްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ފުޅި ވަނީ ފެނިފައެވެ. އެ ފުޅިތަކުގައި ހުރި ތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ހުއްޓެވެ.
ފުލުހުން ބުނި ގޮތުގައި، އެތަކެތި ފެނުމުން އޭނާއާ ސުވާލުކުރުމުން އެއީ އޭނާގެ އަމިއްލަ އެއްޗެއް ކަމަށް ވަނީ އެއްބަސްވެފައެވެ. އަދި އަތުލައިގަނެވުނު ތަކެތި އިތުރަށް ތަހުލީލުކުރިއިރު، އެތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓެޓްރާހައިޑްރޯ ކެނަބިނޯލް (ޓީއެޗްސީ) އަށް ޕޮޒިޓިވް ވެފައެވެ.
މީގެއިތުރުން، ހައްޔަރުކުރި މީހާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން، މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ އެމްފިޓަމިން އަދި ކެނަބިސް އަށް ވަނީ ޕޮޒިޓިވް ވެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





