ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމު އެ މަގާމުން ވަކިކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން ނަޒީމު ވަކިކޮށްފައިވަނީ އިއްޔެއިން ފެށިގެންނެވެ.
އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމު ވަކިކޮށްފައި މިވަނީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ ކުންފުނި އުވާލައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އާރްޑީސީއަކީ ރާއްޖޭގެ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ޚާއްސަކޮށްގެން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން 2019 ވަނަ އަހަރުގެ ޖޫން މަހު އުފެއްދި ކުންފުންޏެކެވެ.
ނަޒީމް އާރްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސެވީ، އޭރު އެ ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު، ޖުލައި 30، 2025 ގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ބަދަލުކުރެއްވުމާ ގުޅިގެންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ނަޒީމް އެންމެ ފުރަތަމަ އަދާކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރުގެ މަގާމެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ 21 ނޮވެމްބަރު 2023 ގައެވެ.
ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން އާރްޑީސީ އެމްޓީސީސީގެ ދަށަށް ބަދަލުކޮށް ނަޒީމު މަގާމުން ވަކިކުރިއިރު، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ނިންމައިފައެވެ. އެ ނިންމުމާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަފީފް ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.





