ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް އިއްވުން މި މަހުގެ 29 ވާ އާދީއްތަ ދުވަހަށް ތާވަލުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
މި މައްސަލައިގައި ހިމެނޭ ދެފަރާތުން ޚުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުންތަކުގެ ތެރެއިން، ދައުލަތުގެ ފަރާތުން އިއްޔެ ބަޔާން އިއްވާފައިވާއިރު، މިއަދު އޮތް އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ ދިފާއީ ވަކީލުންގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ދެ ފަރާތުން ވެސް ޚުލާސާ ބަޔާން އިއްވައި ނިމުމާ ގުޅިގެން، ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު އިއުލާނު ކުރެއްވި ގޮތުގައި މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
ފުއްގިރި މައްސަލައިގައި ފުރަތަމަ ހަ ފަރާތެއްގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލި ނަމަވެސް، މިހާރު މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނީ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށެވެ. އެގޮތުން، މި މައްސަލައިގައި ދައުވާ ލިބުނު މ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމާއި މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމަންޓުގެ މައްޗަށް އުފުލި ދައުވާތައް ދަށު ކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ނުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. އަދި ފުއްގިރި ކުއްޔަށް ނެގި ކްލެސިކް ހޯލްޑިންގްސްއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އެ ރަށުގެ ހިއްސާ އެހެން ކުންފުންޏަކަށް ބަދަލުކުރިއިރު ވެސް ރަށް އަނބުރާ ދައުލަތަށް އަތުލުމުގެ އެއްވެސް މަރުހަލާއެއް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.





