ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު ދެ މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން އެޗްޑީސީއިން އިސްލާމީ ވުޒާރާއާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރެވެ.
އިސްލާމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މިސްކިތް ގާއިމު ކުރުމަށް އިސްލާމީ ވުޒާރާއާ ހަވާލުކުރީ 27،920 އަކަފޫޓުގެ ބިމަކާއި، 20،720 އަކަފޫޓުގެ ބިމެކެވެ.
މި ދެ މިސްކިތް ވެސް އިމާރާތް ކުރާނީ ތިން ފަންގިފިލާ ހިމެނޭ ގޮތަށެވެ. މި ދެ މިސްކިތަކީ ވެސް 2،500 އާއި 3،000 އާ ދެމެދުގެ މީހުންގެ ޖާގައިގެ ދެ މިސްކިތެވެ.
އެޗްޑީސީއިން ބުނީ މިއީ ހުޅުމާލޭގައި އަލަށް މީހުން އާބާދުވާ ސަރަހައްދުތަކުގައި ވަސީލަތްތައް ގާއިމު ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެއް ކަމަށެވެ.


