އިންޑިޔާގެ ޖުމްހޫރީ ދުވަހާއި އޮސްޓްރޭލިއާ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްޠާޛް ޙުސައިން މުޙައްމަދު ލަތީފް، އެ ދެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ވަކިވަކިން ކުރެއްވި ޕޯސްޓުތަކެއްގައި ނައިބު ރައީސް ވަނީ، އިންޑިޔާގެ 75 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެ ޤައުމުގެ ނައިބު ރައީސް ސީ. ޕީ ރާދަކްރިޝްނަންއަށާއި، އެކުވެރި އިންޑިޔާގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.
މި މުނާސަބަތުގައި ނައިބު ރައީސް ވިދާޅުވީ، އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތީ ތާރީޚީ ގާތް ގުޅުމެއް ކަމަށާއި، މި ގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންނަށްވެސް އޭގެ ނަފާ ފުރިހަމައަށް ލިބިގެންދާ ބަދަހި ގުޅުމެއް ކަމަށެވެ. އަދި އިންޑިޔާގެ ރައްޔިތުންނަށް ފުރިހަމަ މިނިވަންކަމާއި، އުފާ ފާގަތިކަމަށް އެދިވަޑައިގަންނަވަމުން، ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކޮންމެ އަހަރެއްގެ ޖަނަވަރީ 26 ވަނަ ދުވަހު ފާހަގަކުރާ އޮސްޓްރޭލިއާ ދުވަހުގެ މުނާސަބަތުގައިވެސް ނައިބު ރައީސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ. އެމަނިކުފާނުގެ މެސެޖުގައި އޮސްޓްރޭލިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް ރައްދުކުރައްވައި، އެ ޤައުމަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދިވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރެވުނީ 1974 ވަނަ އަހަރުގެ ޖަނަވަރީ 25 ގައެވެ. މި ތާރީޚީ ގުޅުމަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، ދެ ޤައުމަށް ފައިދާވާނެހެން ގުޅިގެން މަސައްކަތް ކުރުމުގެ އައު ފުރުޞަތުތަކެއް ކުރިމަގުގައި ހުޅުވިގެންދާނެ ކަމަށް ބަލާކަމަށެވެ.
މި ދެ ޤައުމަކީވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ، ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިންކަން ފާހަގަކޮށްލެވެއެވެ.

