ދިވެހިރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުން ޕާކިސްތާން ކަޓައިފިއެވެ. ޕާކިސްތާނަށް މުބާރާތް ނިމުނީ ކުޅުނު ދެ މެޗުން ވެސް ބަލިވުމާ ގުޅިގެންނެވެ.
އިއްޔެ ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އިންޑިއާ އަތުން ޕާކިސްތާން ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ޕާކިސްތާނުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުން ބަލިވީ 0-2 އިންނެވެ. އެހެންކަމުން މިއަދުގެ މެޗަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ޕާކިސްތާނަށް ނަތީޖާ ނެރެން މަޖުބޫރުވި މެޗެކެވެ.
މެޗު ފަށައިގެން އިންޑިއާ ޓީމުން ވަނީ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި އިންޑިއާއިން ކުރިއަށް ޕްރެސްކޮށްގެން އުފެއްދި ހަމަލާއެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ. އިންޑިއާގެ ލަނޑަށްފަހު ފުރަތަމަ ހާފުގެ ބާކީ ބައިގައި ޕާކިސްތާނުން މޮޅަށް ކުޅެ، ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް، އެ ހަމަލާތައް ހުއްޓުވުމުގައި އިންޑިއާގެ ކެޕްޓަން ކީޕަރު ސޫރަޖް ސިންގް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުމުގައި ކުރިހޯދީ އިންޑިއާއެވެ. މެޗުގެ 63 ވަނަ މިނެޓުގައި އިންޑިއާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮމަންގް ޑޮޑުމް އެވެ. މި ލަނޑަކީ ޕާކިސްތާނަށް ލިބުނު ކޯނަރެއްގެ ބޭނުން ނުހިފި، އިންޑިއާއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ޖެހި ލަނޑެކެވެ.
އިންޑިއާގެ ތިންވަނަ ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް އޮމަންގް ޑޮޑުމް އެވެ.
މި މޮޅާއެކު އިންޑިއާ ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މި ގްރޫޕުން ބަންގްލަދޭޝް ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ދެ ޓީމަށް ސެމީގެ ޖާގަ ލިބުނީ ބާކީ އެއް މެޗު އޮއްވައެވެ. ގްރޫޕުގެ އެއްވަނަ ހޮވުމަށް އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުއެވެ.
