އިނގިރޭސި ޕްރިމިއަރ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލްއިން ބޯންމަތު ބަލިކޮށް ލީގުގެ ފެށުން ރަނގަޅުކޮށްފިއެވެ. ލިވަޕޫލްގެ ދަނޑު، އެންފީލްޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ފުރަތަމަ ދެ ލަނޑުވެސް ޖެހީ ލިވަޕޫލްއިންނެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ނަގައިދިނީ ހޫގޯ އެކިޓީކޭ އެވެ. އަދި ދެވަނަ ހާފު ފެށިގެން ހަަތަރުވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެފަހުން ބޯންމަތުން އެއްވަރުކުރީ އެންޓޯން ސެމެންޔޯ ކާމިޔާބުކޮށްދިން ދެ ލަނޑުންނެވެ. އޭނާ މި ދެ ލަނޑު ޖެހީ މެޗުގެ 64 ވަނަ މިނެޓާއި 76 ވަނަ މިނެޓުގަ އެވެ.
ނަތީޖާ އެއްވަރުވެގެެން މެޗު ނިމެންދަނިކޮށް ލިވަޕޫލްއިން އަލުން ލީޑު ނެގީ ފެޑެރީކޯ ކިއޭސާ ޖަހައިދިން ލަނޑުންނެވެ. މެޗުގެ ފަހު ވަގުތުކޮޅުގައި އެ ޓީމުގެ ފަހު ލަނޑު ޖަހައިދިނީ މުހައްމަދު ސަލާހް އެވެ. މިއީ މިހާ ތަނަށް ޕްރިމިއަރ ލީގުގައި އޭނާ ޖެހި 187 ވަނަ ލަނޑެވެ. މި ލަނޑާއެކު ސަލާހް ވަނީ ޕްރިމިއަރ ލީގުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތަރުވަނައިގައިވާ އެންޑްރޫ ކޯލްއާ އެއްވަރުކޮށްފަ އެވެ. ލީގުގައި މިހާރު ސަލާހް އަށްވުރެ ގިނަ ލަނޑު ޖަހާފައިވަނީ ވޭން ރޫނީ، ހެރީ ކޭން އަދި އަލަން ޝީރާ އެވެ.
މި ސީޒަންގެ ޕްރިމިއަރ ލީގުގެ ދެވަނަ މެޗުގައި މިއަދު އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ޕްރިމިއަރ ލީގުގެ މެޗުތައް މިރޭވެސް ކުރިއަށްދާނެ އެވެ.

