ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޝޯގެ ރެކޯޑު މުގުރަލި “ވަން ޕީސް“ ސީރީޒްގެ ލީޑް ކެރެކްޓާއެއް ކަމަށްވާ ސަންޖީގެ ރޯލުން ފެންނަ މަޝްހޫރު ތަރި ޓެޒް ސްކައިލާ، ރާއްޖެ އިޝްތިހާރު ކުރުމަށް ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) ނުވަތަ ވިޒިޓް މޯލްޑިވްސްއިންނެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، އެމްބެސެޑާއެއްގެ ހައިސިއްޔަތުން ސްކައިލާ، ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ގުދުރަތީ ރީތިކަމާއި މުއްސަނދި ސަގާފަތް ދުނިޔެއަށް އިޝްތިހާރުކޮށްދޭނެއެވެ. ޚާއްސަ ގޮތެއްގައި، ރާއްޖޭގައި އޮތް އެޑްވެންޗާ ފަތުރުވެރިކަމުގެ ފުރުސަތުތައް އޭނާ ދައްކުވައިދޭނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ސްކައިލާގެ ޕްލެޓްފޯމު ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމަކީ ފަތުރުވެރިކަން އިތުރުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ. އިންސްޓަގްރާމްގައި 1.8 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ސްކައިލާގެ ޕޯސްޓުތަކަށް އެވަރެޖުކޮށް 45،000 ލައިކްސްއާއި 300އަށް ވުރެ ގިނަ ކޮމެންޓް ލިބެއެވެ. އޭނާގެ މި ބޮޑު މަގުބޫލުކަމުގެ ސަބަބުން، އޭނާގެ ޕޯސްޓްތަކުން ރާއްޖެއަށް ވެސް ޝައުގުވެރިވާ މީހުން އިތުރުކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން އުއްމީދުކުރެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސްކައިލާ ރާއްޖެއަށް ޒިޔާރަތްކުރާނެކަން ހާމަކޮށްފައެވެ. މި ދަތުރުގައި އޭނާ، ރާއްޖޭގެ މަޖާ ކަންތައްތަކާއި ކެއުންބުއިމާ ގުޅުންހުރި މާކެޓިން ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
’ވަން ޕީސް’އަކީ، ވަން ޕީސް ކިޔާ އަގުހުރި އެއްޗެއް ހޯދައި، ’ޕައިރެޓް ކިންގް’ގެ ލަގަބު ހޯދަން ބޭނުންވާ ޒުވާނަކާއި އޭނާގެ ކުރޫ ދައްކުވައިދޭ ގޮތަށް 1997ގައި އުފައްދަން ފެށި މަންގާއެކެވެ. މި ސީރީޒްގެ ލައިވް އެކްޝަން ޝޯ ނެޓްފްލިކްސްގައި ދައްކަން ފެށުމުން ވަނީ ދުނިޔޭގެ މަޝްހޫރުކަމެއް ހޯދާފައެވެ.

