ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ)ގެ ޗެއާޕާސަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑުގެ މެންބަރުކަމުން މުޙައްމަދު ޝާމީ އާދަމް ވަކި ކުރިތާ ހަތަރު މަހެއްހާ ދުވަސް ފަހުން، ހަމަ އެ މަގާމުތަކަށް އޭނާ އަނެއްކާވެސް އައްޔަނުކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށާއި ބޯޑު މެންބަރު ކަމަށް ޝާމީ އައްޔަން ކުރައްވާފައިވާކަން ހާމަކޮށްފައެވެ.
މި ސަރުކާރު އައި ފަހުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާރްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަނުކުރި ޝާމީ އެ މަގާމުން ވަކިކުރީ މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު މެންބަރުކަމުން ވެސް ވަކިކޮށްފައެވެ.
އާރްޑީސީގެ އިސް މަގާމުތަކަށް ބަދަލުތަކެއް އައިސްފައިވާ މި ދުވަސްވަރާ ދިމާކޮށް ޝާމީ އަނބުރާ އައްޔަނުކުރިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަލީ ޒުހައިރު މި ފަހުން ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކޮށްފައެވެ. އަދި އާރްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު އަސްބާހު އަލީ ނަސީރު ވެސް ވަނީ އެޗްޑީސީއަށް ބަދަލުކޮށްފައެވެ.
މިހާރު އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ކުރިން ހުންނެވި އިބްރާހީމް ނަޒީމްއެވެ. އޭނާއަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ވެސް އެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އެ ފަހަރު އާރްޑީސީން ނަޒީމް ވަކިކުރީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.

