އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން ބާއްވާ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، ސަޢޫދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފިއެވެ. މި މުހިންމު ބައްދަލުވުން އޮންނާނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ، ކޮންމެ އަހަރަކުވެސް އޯއައިސީގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ، އިސްލާމީ އުއްމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއަހަރުގެ ބައްދަލުވުން ބާއްވަނީ ފަލަސްތީން، ތުރުކީ އަދި އިރާން ސަރުކާރުގެ ދަޢުވަތަކަށެވެ.
މިއަހަރުގެ ބައްދަލުވުމުގެ މައިގަނޑު އެއް މަޤްސަދަކީ، އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ކުށްވެރިކުރުމާއި، ޣައްޒާއަށް އިންސާނީ އެހީ އެތެރެވުން ހުއްޓުވައި، ފަލަސްތީނު ރައްޔިތުންގެ ބިންތައް ފޭރިގަނެ، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އަޑުއުފުލުމެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވަޒީރުގެ ތަޤްރީރުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް ނިންމާފައިވާ ނިންމެވުމަކީ ބައިނަލްއަޤްވާމީ ޤާނޫނާ މުޅިންހިލާފު ކަމެއްކަމަށާއި، މިކަން ހުއްޓުވައި އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނާއި، ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނު ތަންފީޒުކޮށް، އިސްރާއީލާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށްވެސް ގޮވާލައްވާނެއެވެ.
ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިކުރުވާފައިވާ ބަނޑަށްޖެއްސުމުގެ އަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ ޤާނޫނާވެސް ޚިލާފުވުން ކަމުގައި ވަޒީރު ފާހަގަކުރައްވާނެއެވެ. އަދި ޣައްޒާގެ ހުރިހާ ސަރަޙައްދަކަށް ރައްކާތެރިކަމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަށްވެސް ގޮވާލައްވާނެއެވެ.
ވަޒީރުގެ ތަޤްރީރުގައި، މެދުކެނޑުމެއްނެތި އިސްރާއީލުން ޣައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅު އެޅިފައިނުވާކަން ފާހަގަކުރައްވައި މިކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާނެއެވެ. އަދި ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމަށް ބަހާއި އަމަލުން މަސައްކަތްކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާނެއެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މައްސަލައާ ގުޅިގެން ދިވެހިރާއްޖެއިން ގެންގުޅޭ ސިޔާސަތު ހާމަކުރައްވައި، ފަލަސްތީނަކީ މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށްޓަކައި ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަބަދުވެސް ވަކާލާތުކުރާނެކަމަށް އެމަނިކުފާނުގެ ތަޤްރީރުގައި ހާމަކުރައްވާނެއެވެ.
އޯއައިސީއަކީ ދެގޮތެއްނުވެ ފަލަސްތީނުގެ ހައްޤުގައި ވަކާލާތުކުރަމުންދާ، 57 މެމްބަރު ޤައުމު ހިމެނޭ ޖަމްޢިއްޔާއެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރަކަށްވެފައިވަނީ 1976 ވަނަ އަހަރުއެވެ. އޯއައިސީ ބައްދަލުވުންތަކުގެ އިތުރުން ބައިނަލްއަޤުވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރަމުންނެވެ.
ދިވެހިރާއްޖެއިން ދެކޭ ގޮތުގައި ފަލަސްތީނުގެ މައްސަލައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމްކުރުމެވެ. މި ސިޔާސަތަކީ ފާއިތުވި 48 އަހަރު ދެގޮތެއްނުވެ ދެމިގެންގޮސްފައިވާ ސިޔާސަތެކެވެ.

