ކުރީގެ މިނިސްޓަރު ހަމްދޫން އަބްދުﷲ ހަމީދު، މިނިސްޓަރު ފެންވަރުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީގެ އެޑްވައިޒަރަކަށް މިއަދު އައްޔަންކުރައްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ފިނޭންސް މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި، ހަމްދޫން އައްޔަންކުރައްވާފައިވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ޕްލޭނިންގެ މަސައްކަތްތަކާ ގުޅޭ އެޑްވައިޒަރަކަށެވެ.
އަބްދުالله ހަމީދުގެ ބޭފުޅެއް ކަމަށްވާ ހަމްދޫން ހަމީދަކީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން، އޭނާގެ ބޮޑުބޭބެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން ކުރައްވައިފައިވެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ. މީގެ އިތުރުން، އޭނާގެ ބޮޑުބޭބެފުޅު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ސަފީރުކަން ވެސް ކުރެއްވިއެވެ.
މި ސަރުކާރުން ހަމްދޫން މި މަގާމަށް އައްޔަންކުރެއްވި ސީދާ ދުވަހެއް، އަދި އެ މަގާމުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ދެއްވާ އަދަދުތަކުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި ސަރުކާރުން ފުރަތަމަ ކެބިނެޓް އެކުލަވާލިއިރު، ނެޝަނަލް ޕްލޭނިންގެ ޒިންމާތައް ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާއެވެ. ނަމަވެސް، އެ މިނިސްޓްރީއާ ހަވާލުވެ ހުންނެވި ޑރ. އަލީ ހައިދަރު އަހުމަދު، ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ފަހު، ޕްލޭނިންގެ ޒިންމާތައް ވަނީ ފިނޭންސް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކަކީ ދިގު މުއްދަތެއްގެ ތަރައްގީގެ ޕްލޭނެއްގެ ދަށުން ހިންގަމުން އަންނަ ގައުމުތަކެވެ. ނަމަވެސް، ރާއްޖެ ޒަމާނުންސުރެއް ހިންގަމުން އަންނަނީ އެއްވެސް ދިގު މުއްދަތުގެ ޕްލޭނެއް ނުވަތަ ސިޔާސަތެއް ނެތިއެވެ. ކޮންމެ ވެރިކަމަކާއެކު ޕްލޭން އެއްކޮށްހެން ބަދަލުވެއެވެ. އޭގެ ސަބަބުން އިސްރާފާއި ހަރަދު ވަރަށް ބޮޑުވެއެވެ. ދިގު މުއްދަތަކަށް ރާއްޖެ ތަރައްގީ ކުރަން ނެޝަނަލް ޕްލޭނެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެ މަސައްކަތް ވަނީ ބަޔަކާ ވެސް ހަވާލުކޮށްފައެވެ. ނަމަވެސް، މި ސަރުކާރުގައި ވެސް ސިޔާސަތުތައް ބަދަލުވުމަކީ ވަރަށް އާއްމު ކަމެކެވެ.

