ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމުގައި ހުންނެވި ހިސާން ހަސަން އެ މަގާމުން ވަކިކޮށްފިއެވެ.
އެމްޑީއެމްއޭގެ ސީއީއޯގެ މަގާމުން ވަކިކުރިކަން އަންގާފައިވާކަން ހިސާން ވަނީ މިއަދު ”ވަން“ އަށް ކަށަވަރުކޮށްދެއްވައިފައެވެ. ނަމަވެސް، މަގާމުން ވަކިކުރި ސަބަބާ ގުޅޭގޮތުންނާއި އެކަމުގެ އިތުރު އެއްވެސް ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. އަދި މި ނިންމުމާ ގުޅިގެން ސަރުކާރުގެ ރަސްމީ އިދާރާއަކުން ވެސް މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
ހިސާނަކީ ކާރިސާތަކާ ގުޅޭ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން، ރާއްޖޭގެ ހާލަތު ބަލައި އަވަސް ފިޔަވަޅުތައް އެޅުމަށް އުފެއްދި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ) ގައި ވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވައި، މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
އޭގެ ފަހުން، ކާރިސާތަކާ ބެހޭ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަލުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ސީއީއޯގެ މަގާމަށް ހިސާން އައްޔަންކުރެއްވިއެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިންގަމުން އަންނަ އެމްޑީއެމްއޭ އަކީ ރާއްޖޭގައި ދިމާވާ އެކި ބާވަތުގެ ކާރިސާތަކުން ރައްކާތެރިވުމަށާއި، ކާރިސާތަކުގެ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ގައުމީ އިދާރާއެވެ.





