މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ގޯސްވެ، ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. މިކަމަށް ސަމާލުވުމަށް ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މެޓް އޮފީހުން ވަނީ އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ ”ހުދު ސަމާލު“ ނުވަތަ ވައިޓް އެލާޓް ނެރެފައެވެ. މި ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 ހާހަމައަށެވެ. މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
އަންނަ 24 ގަޑިއިރުގެ ތެރޭގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރާނެ ކަމަށްވެސް ލަފާކުރެވެއެވެ.
ވައިގެ ހަރަކާތަށް ބަލާއިރު، ހުޅަނގުދެކުނާއި، ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
ކަނޑުތަކުގެ ހާލަތު ބަލާއިރު، ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވެފައި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
ވައި ގަދަވެ، ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރުފަތުރުކުރާ އެންމެހާ ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި، މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މިފަދަ ދަނޑިވަޅުތަކުގައި ކަނޑު ދަތުރުކުރުމަށް ނުކުތުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިއްމު ކަމެކެވެ.



