ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އެންމެ ބޮޑު ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމުގެ އޮޕަރޭޝަން ފަށައިފިއެވެ. މި އޮޕަރޭޝަން ފެށުމާއެކު ފުވައްމުލަކުގެ މަސްވެރިންނަށް ފަސޭހަކަމާއެކު މަސްކިރުވުމުގެ ފުރުސަތު ވަނީ ތަނަވަސްވެފައެވެ.
މިފްކޯއިން ފުވައްމުލައް ސިޓީ ބަނދަރުން މަސްގަތުމަށްޓަކައި، އެކުންފުނީގެ ”ރަނދި 19“ ބޯޓު މިދިޔަ ހޮނިހިރު ދުވަހު ފުވައްމުލައް ސިޓީ ބަނދަރަށް ގެންގޮސް، މަސްގަތުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މިފްކޯގެ ސީއީއޯ ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގައި، މި އޮގަސްޓް މަސް ނިމުމުގެ ކުރިން ފުވައްމުލައް ސިޓީގެ ބަނދަރުން މަސްގަންނާނެކަމަށް ވަނީ ވިދާޅުވެފައެވެ. ”ރަނދި 19“ ބޯޓަކީ 36 މެޓްރިކްޓަނުގެ މަސް ކިރުވައި ރައްކާކުރެވޭ ޖާގައިގެ ބޯޓެކެވެ.
ފުވައްމުލައް ހިމެނޭ ސަރަހައްދަކީ ކަންނެލީގެ މަސްވެރިކަން ރަނގަޅުކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވުމާއެކު، މިފްކޯއިން ފުވައްމުލައް ސަރަހައްދަށް ޚާއްސަކޮށްގެން މިފެށި އޮޕަރޭޝަނާއެކު މިފްކޯއަށް ކިރުވާ މަހުގެ އަދަދު އިތުރުވެގެންދާނެކަމަށް އެކުންފުނިން ވަނީ ވިދާޅުވެފައެވެ. މި ސަރަހައްދުގެ މަސްވެރިންނަށް ލުއިފަސޭހަކަމާއެކު މެދުނުކެނޑި މަސްކިރުވުމުގެ އިންތިޒާމު މިފްކޯގެ ”ރަނދި 19“ ބޯޓު ދާއިމީކޮށް ހަމަޖެހިގެންދާނެކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
މަސްވެރިކަން ކުރިއެރުވުމަށްޓަކައި ފުވައްމުލައް ސިޓީގައި މަސް ޕްރޮސެސިންގ ފެސިލިޓީއެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު މިފްކޯއިން ވަނީ ފަށާފައެވެ. މި ފެސިލިޓީ މި އަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށާއި، އެއާއެކު ރައްކާތެރިކަމާއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް، ފޯރުކޮށްދެވޭނެކަމަށް މިފްކޯއިން ވިދާޅުވެއެވެ.
މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އެގޮތުން ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ގާއިމުކުރަން ފަށާފައިވާ މަސް ގަންނަ މަރުކަޒު، 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާ، އޮޕަރޭޝަނަށް ގެނައުމަށާއި އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މި އަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.


