އާސެނަލްއިން ސްޕޯޓިން ކްލަބުގެ ފޯވާޑް ވިކްޓާ ގްޔޮކެރެސް 73.5 މިލިއަން ޔޫރޯ (63.5 މިލިއަން ޕައުންޑް) އަށް ގަތުމުގެ އެއްބަސްވުމެއް މުޅިން ނިމުމަކަށް އައުމާ ވަރަށް ކައިރި ވެއްޖެއެވެ.
މި އެއްބަސްވުން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ނިމޭނެކަމަށް ބެލެވެއެވެ.
ބީބީސީ ސްޕޯޓްސްއަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ދެ ކްލަބް ދެމެދު ސްވީޑެންގެ ފޯވާޑު ގަތުމަށް އެއްބަސްވުމަކާ ހަމަޔަށް އާދެވިއްޖެއެވެ. ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރަމުން ދަނީ ގްޔޮކެރެސްއަށް މި ހަފްތާގެ ނިޔަލަށް އޭޝިއާގައި ކުރިއަށްދާ ޕްރީ ސީޒަން ޓުއާގައި އާސެނަލްއަށް ދަތުރުކުރެވޭނެ ގޮތެއް ހެދުމަށެވެ.
މި ހުށަހެޅުމުގައި އާސެނަލްއިން ކުރިން ހުށަހެޅި 70 މިލިއަން ޔޫރޯ (60 މިލިއަން ޕައުންޑް) ގެ އަގަށްވުރެ އިތުރު 3.5 މިލިއަން ޔޫރޯ ދައްކާނެއެވެ. އަދި 27 އަހަރުގެ ގްޔޮކެރެސް ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ.
މިމަހުގެ ކުރީކޮޅު އާސެނަލްއިން އާރްބީ ލައިޕްސިގްގެ ބެންޖަމިން ސެސްކޯ ހޯދުމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާތީ، އާސެނަލްއިން ވަނީ ބޮޑަށް ގްޔޮކެރެސްއަށް ސަމާލުކަން ދީފައެވެ. މި މުޢާމަލާތް ނިމުމަކަށް ގެނައުމަށްޓަކައި، އާސެނަލްގެ ސްޕޯޓިންގް ޑިރެކްޓަރު އަންދެރިއާ ބާޓާ ސްޕޯޓިންގްއާއެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި ޕޯޗުގަލްއަށްވެސް ދަތުރުކުރިއެވެ.
ސްޕޯޓިން ދޫކޮށްލަން ބޭނުންވެފައިވާ ގިޔޮކެރެސް އެ ޓީމާއެކު ޕްރީ ސީޒަން ތަމްރީންތަކުގައިވެސް ބައިވެރިނުވެއެވެ. މިދިޔަ ސީޒަންގައި އޭނާ ވަނީ ކުޅުނު 52 މެޗުން 54 ލަނޑު ޖަހައި، ޔޫރޮޕްގެ ގިނަ ކްލަބްތަކުގެ ސަމާލުކަން ހޯދާފައެވެ.

