އަންނަ ރަމަޟާން މަހާ ދިމާކޮށް، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ’ރަމަޒާން ބާޒާރު‘ ޕްރޮމޯޝަން ރަސްމީކޮށް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން ގިނަ އަގުހުރި ހަދިޔާތަކާއި ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި ޚާއްސަ ޕްރޮމޯޝަން ރަސްމީކޮށް ރޭ ފައްޓަވައި ދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަން އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރެވެ.
’ރަމަޒާން ބާޒާރު‘ ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ޑިޖިޓަލް ކޫޕަނެއް ދޫކުރެވޭނެއެވެ. މި ކޫޕަންތައް ލިބޭ ކަސްޓަމަރުންގެ ތެރެއިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ވަރަށް ޚާއްސަ ގިފްޓް ހެމްޕަރެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ޕްރޮމޯޝަން ނިމުމުން، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށް ކޫޕަން ލިބުނު ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި ފަރާތަކަށް ޕްރޮމޯޝަންގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000ރ. (އެއް ލައްކަ ރުފިޔާ) ލިބޭނެއެވެ.
މި އަހަރުގެ ’ރަމަޒާން ބާޒާރު‘ ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ އިތުރުން ވިލިމާލެ ފިހާރަ އާއި އަތޮޅުތެރޭގެ 11 އައުޓްލެޓްގައެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗް މަހުގެ 18 ވަނަ ދުވަހާ ހަމައަށެވެ.
އެހެން އަހަރުތަކާ އެއްގޮތަށް މި ފަހަރު ވެސް ’ރަމަޒާން ބާޒާރު‘ ގައި ގިނަ ޕްރޮޑަކްޓްތަކަކުން އަގުހުރި ޑިސްކައުންޓްތަކެއް ލިބޭނެއެވެ. އަދި ހޮވާލެވިފައިވާ ހޯމް އެޕްލަޔަންސް އައިޓަމްތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެކަމަށް އެސްޓީއޯއިން ބުނެއެވެ.



