މީހަކާ ދިމާލަށް ޣީބަ ބުނެ ދައްކާފައިވާ ވާހަކައެއް ފަތުރޭހާ ހިނދަކު އެ މީހަކަށް ފާފަ ލިބިލިބި ހުންނާނެ ކަމަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.
”ޣީބަ ބުނާ މީހާ ވާހުށީ ގިޔާމަތް ދުވަހު ބަނގުރޫޓުވެފައިވާ މީހަކަށް“ މި މައުޟޫއަށް ދެއްވި މި ހުތުބާގައި ވަނީ މީހުންގެ އަބުރަށް އަރައިގަތުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައްވާފައެވެ.
މިއަދު ދިވެހި މުޖުތަމަޢުގައި އެންމެ އާންމުވެފައިވާ އެއް ނުބައިކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ. މާތް ﷲ ވަނީ އިންސާނާ އެންމެހާ މަޚްލޫޤުންގެ މައްޗަށް މާތްކުރައްވައި، ގަދަރު އުފުއްލަވައި، ހުރުމަތްތެރި ބަޔަކު ކަމުގައި ލައްވާފައިވާކަން ހަނދާންކޮށްދެއްވިއެވެ. އެހެންކަމުން، އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ އިސްލާމް ދީނުގައި ބޮޑުވެގެންވާ ފާފައެއް ކަމަށް ހުތުބާގައި ބަޔާންކުރެއްވިއެވެ.
ހުތުބާގައި އިތުރަށް ވިދާޅުވީ، ”މާތް ނަބިއްޔާ އިންސާނާގެ އަބުރުގެ ހުރުމަތްތެރިކަން ގުޅުވާލައްވާފައި ވަނީ ލެޔާއި މުދަލަށެވެ. އެހެނީ ހައްގަކާ ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އެ މީހެއް މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ވެސް ހަރާމްކަމެއް. ހިތާމައާއެކު ދަންނަވަން ޖެހެނީ މިއަދުގެ މުޖްތަމަޢުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުންކަން. ތެދެއް ދޮގެއް ބެލުމެއް ނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް އެންމެ ފަހަރުވެސް ވިސްނައިލުމެއް ނެތި.“
މީހުންގެ އަބުރު ކަތިލައި، މުޅަމަސްކައި، ފަޟީހަތްކޮށް، ދޮގު ވާހަކަތައް ފަތުރާއިރު އެއްވެސް އެއްޗެއް ހިތަށް ނާރަނީތޯ ހުތުބާގައި ސުވާލުކުރައްވާފައިވެއެވެ. އަދި ނަބިއްޔާ މުޙައްމަދު ﷺ މިފަދަ ކަންކަމުގައި ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވައި އިންޒާރުކުރެއްވިކަން ނޭނގެނީތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ.
މި ހުތުބާއަކީ މުސްލިމުންގެ މެދުގައި ޣީބަބުނުމާއި މީހުންގެ އަބުރަށް އަރައިގަތުމަކީ ބޮޑުވެގެންވާ ފާފައެއް ކަމާއި، އެކަމުގެ ނަތީޖާއަކަށް ގިޔާމަތް ދުވަހު ބަނގުރޫޓުވެފައިވާ މީހަކަށް ވާންޖެހޭނެކަން ހަނދާންކޮށްދީ، ހޭލުންތެރިކަން އިތުރުކުރުމަށް ދެއްވި ވަރަށް މުހިންމު ނަސޭހަތެކެވެ.

