އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމަ، ކުރިއަށް އޮތް ދެތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. ޓްރަމްޕް މިކަން ހާމަކުރެއްވީ ވައިޓް ހައުސްގައި ބޭއްވި އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާއެކު އެއްބަސްވުމަކަށް އައުމަށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ހަނގުރާމަ ހުއްޓާލުމަށް އެފަދަ އެއްބަސްވުމަކަށް އައުން މަޖުބޫރެއް ނޫނެވެ. ”އަޅުގަނޑު ކުރަންޖެހޭ ހާވެސް ކަމަކީ އީރާނުން ފޭބުން. އަދި ވަރަށް އަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން. އޭރުން އަގުތައް ތިރިވާން ފަށާނެ،“ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށި ފަހުން ތެލުގެ އަގު އުފުލިފައިވާތީ އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވިއެވެ.
މީގެ އިތުރުން ޓްރަމްޕް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ އޮޕަރޭޝަންތައް ނިންމާލާނީ އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލައި، އެ ގައުމު އެތައް އަހަރަކަށް ފަހަތަށް ސޮއްސާލެވުމުންނެވެ. ”އީރާނުން ދެން ނިއުކްލިއާ ހަތިޔާރެއް ނުއުފެއްދޭނެ ކަމުގެ ޔަގީންކަން ލިބުމުން އަޅުގަނޑުމެން ފައިބާނަން. އެމީހުން އަޅުގަނޑާ އެކު އެއްބަސްވުމަކަށް އަންނާކަށް ނުޖެހޭ،“ އޭނާ ވިދާޅުވިއެވެ.
ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އެމެރިކާގެ ބައެއް އެކުވެރި ގައުމުތަކަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވާފައެވެ. އެ ސަރަހައްދު ހުޅުވުމަށް އަސްކަރީ އެހީތެރިކަން ދޭން ދެކޮޅު ހަދާފައިވާ ގައުމުތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ފްރާންސާއި ޗައިނާ ފަދަ ގައުމުތަކުން ތެޔޮ ބޭނުންވާ ނަމަ އަމިއްލައަށް އެ ސަރަހައްދަށް ގޮސް އެކަން ކުރަންޖެހޭނެ ކަމަށެވެ. ”ކަނޑުއޮޅިއަށް ދެން ވާނެ ގޮތަކާ އަޅުގަނޑުމެންގެ އެއްވެސް ގުޅުމެއް ނޯންނާނެ،“ އޭނާ ވިދާޅުވިއެވެ.
މި މައުޟޫއުގައި އެމެރިކާގެ ޑިފެންސް މިނިސްޓަރު ޕީޓް ހެގްސެތު ވެސް ވަނީ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް މުހިންމު ނިންމުންތަކެއް ނިންމާނެ ދުވަސްތަކެކެވެ. އެއްގަމު ސިފައިން ބޭނުންކޮށްފާނެތޯ ނޫސްވެރިން ސުވާލުކުރުމުން ހެގްސެތު އެކަން ދޮގެއް ނުކުރައްވައެވެ. ”އަސްކަރީ ގޮތުން އީރާނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަން އެމީހުންނަށް ވެސް އެނގޭނެ،“ ހެގްސެތު ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ނިންމެވުމާއެކު، ބައިނަލްއަގުވާމީ މަސްރަހުގައި އީރާނާއި އެމެރިކާގެ މަސްލަހަތާ މެދު ވަނީ ބޮޑެތި ބަހުސްތަކެއް އުފެދިފައެވެ.





