ސީދާ ފުލުހުންގެ ސްޓޭޝަންތަކުގައި ތިބެގެން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކޯޓުތަކަށް ހެކިބަސް ދެވޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު އުސޫލުތަކަށް ބަދަލު ގެނެސް، އެގޮތަށް އަމަލުކުރަން ފަށައިފިއެވެ. މި ބަދަލާއެކު، ޝަރީއަތް ކުރިއަށް ގެންދިއުމުގައި މި އިޚްތިޔާރު ބޭނުންކުރުމުގެ ފުރުސަތު މައްސަލަ ބައްލަވާ ފަނޑިޔާރަށް މިހާރު ވަނީ ލިބިދީފައެވެ.
ކުރިން އޮންނަ ގަވައިދު ބުނާގޮތުން، ކޯޓަށް ހާޒިރުނުވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ދެވޭނީ ހަމައެކަނި މައްސަލަތަކުގައި ކަމާބެހޭ މާހިރުންގެ ގޮތުގައި ހުށަހަޅާ ފަރާތްތަކަށެވެ. ނަމަވެސް، މިއަދު ގެނައި އިސްލާހާއެކު ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާ ފުލުހުންނަށް ވެސް ފުލުހުންގެ މަރުކަޒެއްގައި ތިބެގެން، ކޯޓާ ގުޅިފައިވާ މާލަމެއް މެދުވެރިކޮށް ހެކިބަސް ދިނުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.
މިގޮތަށް ފަނޑިޔާރަށް ނިންމޭނީ ވަކި ހާއްސަ ހާލަތްތަކަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. އޭގެ ތެރޭގައި:
- ފުލުހުން އަދާކުރާ ޒިންމާގެ ގޮތުން ކޯޓަށް ހާޒިރުވެވެން ނެތް ހާލަތްތަކުގައި.
- ފުލުހަކު ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަމުންދާތީ، އެ ތަމްރީނު މެދުކަނޑާލައިފައި ކޯޓަށް ހާޒިރުވެވެން ނެތް ނަމަ.
- މައްސަލަ ހުށަހެޅިފައިވާ ކޯޓު ހުރި ރަށް ނޫން އެހެން ރަށެއްގައި ހެކިވެރިޔާ (ފުލުސް މީހާ) ހުރި ނަމަ.
ސުޕްރީމް ކޯޓުން ގެނައި މި ބަދަލުގެ ސަބަބުން، ޝަރުއީ ދާއިރާގެ މަސައްކަތްތައް އަވަސްވެ، ފުލުހުންގެ މަސައްކަތްތަކަށް ބުރޫނާރާ ގޮތަށް ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެހެންކަމުން، މިއަދުން ފެށިގެން އެކި ކަހަލަ މައްސަލަތަކުގައި ފުލުހުންގެ ސްޓޭޝަންތަކުގައި ތިބެގެން ފުލުހުންނަށް ހެކިބަސް ދެވޭނެއެވެ.





