މާލޭގެ މަޖީދީ މަގުން ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލާގައި ހޯދަން އިޢުލާނުކުރި މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި، މި ހާދިސާއާ ގުޅިގެން ހޯދަމުންދިޔަ މީހާ ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ނަމަވެސް، އެ މީހާގެ ވަނަވަރާއި އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީ މަގުގައި ހުންނަ މީޑިއާ ކައުންސިލް ކުރީގެ އިމާރާތް ކުރިމަތީގައި އޮންނަ ކަފިހިހުރަސް މަތީގައެވެ. އެތަނުން މީހަކު މަގު ހުރަސްކުރަނިކޮށް، ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެ މީހާ ވެއްޓުމުންވެސް، ސައިކަލު ދުއްވަން އިން މީހާ މަޑުނުކޮށް ވަނީ ފިލާފައެވެ.
މި މައްސަލާގައި ހިމެނޭ މީހާ ދެނެގަތުމަށްޓަކައި ފުލުހުން އިއްޔެ ވަނީ އޭނާގެ ސީސީޓީވީ ފޫޓޭޖެއް އާންމުކޮށްފައެވެ. އެ ވީޑިއޯގައި އެ މީހާ މާލޭގެ އެކި ސަރަހައްދުތަކުން ސައިކަލުގައި ދާ މަންޒަރު ފެންނަން ހުއްޓެވެ. ފުލުހުން ކުރިން ބުނެފައިވަނީ އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ ހޯދަން އާންމުންގެ އެހީތެރިކަމަށް އެދޭ ކަމަށެވެ.
މާލޭގެ ޓްރެފިކް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.





