އެކުވެރި ޢަރަބި ޢިމާރާތުގައި (ޔޫއޭއީ) ގޭސް އުފައްދާ އެންމެ ބޮޑު މަރުކަޒު ކަމުގައިވާ ޙަބްޝާން ޕްލާންޓަށް އަމާޒުކޮށް ދިން މިސައިލް ޙަމަލާއެއް ދިފާޢުކުރުމުގެ ތެރޭގައި، އޭގެ ބައިތަކެއް ވެއްޓި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެކަކު މަރުވެ، އެ ޕްލާންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އަބޫ ދާބީ މީޑިއާ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އެ ސަރަޙައްދު ހުސްކުރުމުގެ ތެރޭގައި ހާސްވެގެން އުޅުނު މިޞްރުގެ ރައްޔިތެކެވެ. މީގެ އިތުރުން، މި ހާދިސާގައި މިޞްރުގެ ދެ މީހަކަށާއި ޕާކިސްތާނުގެ ދެ ރައްޔިތަކަށް އެކިވަރުގެ ކުދި އަނިޔާތައް ލިބިފައިވާ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.
މި ޙަމަލާއަކީ ފެބުރުވަރީ 28 ވަނަ ދުވަހު ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ދެމުންދާ ޙަމަލާތަކުގެ ތެރެއިން ޙަމަލާއެކެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ ޙަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކުގެ އިތުރުން ޞަހްޔޫނީ ދައުލަތަށެވެ.
ޔޫއޭއީ ސަރުކާރުން ހާމަކުރި ގޮތުގައި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ވަނީ އެ ޤައުމަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. މި ގޮތުން 18 ބެލިސްޓިކް މިސައިލާއި، 4 ކްރޫޒް މިސައިލްގެ އިތުރުން 47 ޑްރޯން ބޭނުންކޮށްފައިވާ ކަމަށް ޔޫއޭއީން ބުނެއެވެ. އަބޫ ދާބީ މީޑިއާ އޮފީހުން ބުނި ގޮތުގައި، މިއީ އެމެރިކާއިން މެދުއިރުމަތީގެ ހަނގުރާމަ ފެށި ފަހުން ޔޫއޭއީއަށް އަމާޒުކޮށް އީރާނުން ދިން އެންމެ ވަރުގަދަ ޙަމަލާތަކެވެ.
މި ނުރައްކާތެރި ޙާލަތާ ގުޅިގެން، ގަލްފް ކޯޕަރޭޝަން ކައުންސިލްގެ (ޖީސީސީ) ސެކްރެޓަރީ ޖެނެރަލް ޖާސިމް އަލް-ބައްދާވީ ވަނީ، އީރާނުގެ ޙަމަލާތައް ހުއްޓުވުމަށްޓަކައި ”އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް“ އަޅައިދިނުމަށާއި، ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހަށް ގޮވައިލައްވާފައެވެ.
އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުގެ ސަބަބުން، ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި މިހާރު ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލާއި ގޭހުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ޔޫއޭއީގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ޙަބްޝާން ޕްލާންޓަށް ލިބުނު ގެއްލުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރަމުންނެވެ.





