ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން މަސައްކަތް ކުރި އިސްރާއީލުގެ އާގުބޯޓަކަށް އީރާނުން ދިން ވަރުގަދަ ހަމަލާއެއްގައި އެ ބޯޓުގައި އަލިފާން ރޯވެ، ބޯޓު ހުއްޓިއްޖެއެވެ.
އީރާނުގެ އިންގިލާބީ ލަޝްކަރާ ހަވާލާދީ ”ސަބާނިއުސް“ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ބޯޓަކީ އެހެން ގައުމެއްގެ ދިދަ ނަގައިގެން މަކަރުވެރި ގޮތަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރަން އުޅުނު ޔަހޫދީ އިސްރާއީލުގެ މަސްލަހަތު އޮންނަ ބޯޓެކެވެ. އީރާނުގެ އަސްކަރީ ޑްރޯނަކުން ދިން މި ހަމަލާއާ އެކު ބޯޓުގައި އަލިފާން ރޯވެ، މިހާރު އެ ބޯޓު އޮތީ ކަނޑުއޮޅީގެ މެދުތެރެއަށް ހުއްޓިފައެވެ.
ގަލްފުގެ މަސްދަރުތަކުން ބުނާ ގޮތުގައި ބަހްރައިން އިން ފުރައިގެން ދަތުރުކުރި އިސްރާއީލުގެ ޕްރައިވެޓް ކުންފުންޏެއްގެ މި ބޯޓަށް ހަމަލާދީފައިވަނީ ވައިގެ މަގުންނެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ އުދުވާނީ ހަނގުރާމައިގައި އަމިއްލަ ދިފާއަށްޓަކައި އީރާނުން މިހާރު ވަނީ ހުރުމުޒު ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އަތުލާފައެވެ. އީރާނުގެ އިންގިލާބީ ލަޝްކަރުގެ ބެލުމުގެ ދަށުގައިވާ މި ކަނޑުއޮޅިން މިހާރު ދަތުރުކުރެވެނީ އެ ގައުމުން ހުއްދަދޭ ބޯޓުތަކަށް އެކަންޏެވެ. އީރާނުގެ ހުއްދަނެތި ދަތުރުކުރާ ކޮންމެ ބޯޓަކަށް އެ ގައުމުން ގެންދަނީ ހަމަލާދެމުންނެވެ. މިގޮތުން ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އީރާނުން ވަނީ 12 ބޯޓަކަށް ހަމަލާދީފައެވެ.
ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ނުލިބިގެން ކަނޑުއޮޅީގެ ދެފަރާތުގައި މިހާރުވެސް 300 އަށްވުރެ ގިނަ ބޯޓު މަޑުކޮށްގެން އެބައޮތެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކާއި މުދާ އުފުލާ ކޮންޓެއިނަރު ބޯޓުތައް ހިމެނެއެވެ.
މި ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން އިއްޔެ ފަރަންސޭސިވިލާތުގެ ތެޔޮ ޓޭންކަރަކަށް ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުން ވަނީ ދީފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ހުއްދަ ދިނީ ޗައިނާގެ ފައިސާ ކަމަށްވާ ޔުވާން އިން ދެ މިލިއަން ޑޮލަރުގެ ފީއެއް ދެއްކުމުންނެވެ. އީރާނުން ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމައަށް ފަހުވެސް މި ކަނޑުއޮޅީގެ ކޮންޓްރޯލް އެގައުމުން ދޫކޮށެއް ނުލާނެއެވެ. އަދި އެތަން ހުރަސްކުރެވޭނީ އީރާނުން ކަނޑައަޅާ ފީއެއް ދެއްކުމުންނެވެ.
މި ސަރަހައްދުގެ މަސްލަހަތު ގޯސްވެފައިވާއިރު، ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށްޓަކައި އަސްކަރީ މަނަވަރެއް ފޮނުވަން އެމެރިކާ ޖެހިލުންވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އީރާނުގެ ވަރުގަދަ މިސައިލް ހަމަލާއެއް އަމާޒުވެ، މަނަވަރު ފައްތާލަފާނެ ކަމުގެ ބިރު އޮތުމުންނެވެ.
މިހާތަނަށް އީރާނުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދީފައިވަނީ އިންޑިއާ، ޗައިނާ، ޖަޕާން، ތައިލެންޑް، ފިލިޕީންސް، ތުރުކީ، އިރާގު އަދި ފަރަންސޭސިވިލާތުގެ ބޯޓުތަކަށް އެކަންޏެވެ.





