ވޮޝިންގޓަން: އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސް އެއް މަޤާމު ކަމަށްވާ ސިފައިންގެ ޗީފް އޮފް ސްޓާފްގެ މަޤާމުން ޖެނެރަލް ރޭންޑީ ޖޯޖް ވަކިކޮށްފިއެވެ.
ރޭންޑީ ޖޯޖް މަޤާމުން ވަކިކުރައްވާފައިވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ޕީޓް ހެގްސެތުއެވެ. މި ނިންމުން ނިންމެވި ސީދާ ސަބަބެއް އެމެރިކާގެ ދިފާޢީ އިދާރާ (ޕެންޓަގަން) އިން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
މި ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްވެ، އީރާނާ ދެކޮޅަށް އެމެރިކާގެ އަސްކަރިއްޔާއިން ޙަމަލާދީ، އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވަމުންދާ ދަނޑިވަޅެއްގައެވެ. ހަނގުރާމައެއްގެ ތެރޭގައި އެމެރިކާ ޝާމިލުވެފައިވާ ދަނޑިވަޅެއްގައި، އަސްކަރިއްޔާގެ މިފަދަ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅަކު ކުއްލި ގޮތަކަށް މަޤާމުން ވަކިކުރުމަކީ އާންމުކޮށް ހިނގާ ކަމެއް ނޫން ކަމަށް އަސްކަރީ މާހިރުން ފާހަގަކުރެއެވެ.
ރޭންޑީ ޖޯޖްގެ އިތުރުން، އެމެރިކާގެ އަސްކަރިއްޔާގެ އެހެން ބައެއް މަތީ މަޤާމުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ސިފައިންގެ ޓްރާންސްފޮމޭޝަން އެންޑް ޓްރެއިނިން ކޮމާންޑުގެ އިސްވެރިޔާ ޖެނެރަލް ޑޭވިޑް ހޮޑްނީއާއި، އަސްކަރިއްޔާގެ ޗެޕްލައިން ކޯގެ އިސްވެރިޔާ ޖެނެރަލް ވިލިއަމް ގްރީން ވެސް މަޤާމުން ވަކިކޮށްފައިވާ ކަމަށް އިތުބާރު ހުރި މަސްދަރުތަކުން މަޢުލޫމާތު ދެއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އެންމެ ބޮޑު ގޮތްޕަކީ އެއްގަމު ސިފައިންނެވެ. މި ވަގުތު އެމެރިކާގެ އެއްގަމު ސިފައިންގެ ގޮތުގައި 450,000 އަށްވުރެ ގިނަ އޮފިސަރުން ޙަރަކާތްތެރިވެއެވެ. މެދުއިރުމަތީގައި އެމެރިކާއިން ދެމުންދާ ޙަމަލާތަކުގައި ގިނައިން ބޭނުންކުރަނީ ކަނޑުމަތީ ސިފައިންނާއި ވައިގެ ސިފައިން ކަމުގައި ވީނަމަވެސް، ވައިގެ ދިފާޢީ ނިޒާމުތައް ބެލެހެއްޓުމަށާއި އެހެނިހެން އެހީތެރިކަމަށް އެމެރިކާގެ އެއްގަމު ސިފައިން ވެސް އެ ސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި އެމެރިކާގެ ދިފާޢީ ވުޒާރާގެ އެކި ފަންތީގެ ގިނަ އިސްވެރިންތަކެއް މަޤާމުން ވަކިކޮށްފައިވާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކާއެކު އެމެރިކާގެ އަސްކަރީ ސިޔާސަތަށް އަންނާނެ ބަދަލުތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.





