ވޮޝިންގޓަން: ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް 48 ގަޑިއިރުގެ އެންމެ ފަހުގެ މުހުލަތެއް ދެއްވައި، ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ”ޓްރޫތު ސޯޝަލް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިރާނާ އެކު އެއްބަސްވުމަކަށް އައުމަށް ނުވަތަ ކަނޑުއޮޅި ހުޅުވާލުމަށް ކުރިން ދިހަ ދުވަހުގެ މުހުލަތެއް ދެއްވި ކަމަށެވެ. ނަމަވެސް މިހާރު އެ ވަގުތު ހަމަވަމުންދާ ކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ކަނޑުއޮޅި ނުހުޅުވައިފިނަމަ، އިރާނަށް ”ބިރުވެރި ހަލާކެއް“ ކުރިމަތިވާނެ ފަދަ ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދޭނެ ކަމަށް އޭނާ ވަނީ ތަކުރާރުކއްވަވާފައެވެ.
”އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އިރާނަށް ދިހަ ދުވަހުގެ މުހުލަތެއް ދިންކަން ހަނދާން އެބަހުރިތަ؟ ވަގުތު މިދަނީ ހަމަވަމުން. އެމީހުންގެ މައްޗަށް ބިރުވެރި ހަލާކެއް އޮއްސާލުމުގެ ކުރިން ބާކީ އޮތީ އެންމެ 48 ގަޑިއިރު،“ ޓްރަމްޕްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި ޓްރަމްޕް ދެއްވި މި އިންޒާރުތަކާ ގުޅިގެން އިރާނުގެ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
މި މައްސަލައިގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، ބައިނަލްއަގުވާމީ ދުނިޔެއިން ދަނީ މިކަމަށް ވަރަށް ބޮޑަށް ފާރަވެރިވަމުންނެވެ.
އެމެރިކާއިން މިފަދަ ހަރުކަށި އިންޒާރެއް ދީފައި މިވަނީ އިރާނާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ.





