އިޒްރޭލާއި އެމެރިކާގެ އަމަލުތައް ހުރި ގޮތުން ހޮރްމޫޒް ކަނޑުއޮޅީގެ އިތުރުން، ބައިނަލްއަގުވާމީ ވިޔަފާރީގައި މުހިންމު އެހެން ސަރަހައްދުތަކަށް ވެސް ހަމަލާދޭން މަޖުބޫރުވެދާނެ ކަމުގެ ވަރުގަދަ އިންޒާރެއް އިރާނުން ދީފިއެވެ.
މި އިންޒާރު ދެއްވާފައިވަނީ އިރާނުގެ ސްޕްރީމް ލީޑަރު އާޔަތުުﷲ އަލީ ޚާމަނާއީގެ އިސް މުޝީރު އަދި އެ ގައުމުގެ ސްޕްރީމް ލީޑަރަށް ލަފާ އަރުވާ މަޖިލީހުގެ އިސް މެންބަރު އަލީ އަކްބަރު ވެލާޔަތީއެވެ. އިރާނުގެ ދައުލަތުގެ މީޑިއާ، ޕްރެސް ޓީވީގައި ވާހަކަދައްކަވަމުން ވެލާޔަތީ ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން އަޅާ ކޮންމެ ނުބައި ފިޔަވަޅެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށެވެ.
ވެލާޔަތީ މިފަދަ އިންޒާރެއް ދެއްވީ، މާދަމާގެ ނިޔަލަށް ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ނުހުޅުވައިފިނަމަ އިރާނަށް ބިރުވެރި ހަލާކެއް ކުރިމަތި ކުރުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައި ވަނިކޮށެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިތުރަށް ވަރުގަދަ ކޮށްފިނަމަ، ހޮރްމޫޒްގެ އިތުރުން ބާބުލް މަންދަބު ކަނޑުއޮޅިއަކީ ވެސް އިންތިހާއަށް މުހިންމު ސަރަހައްދެއްކަން ވެލާޔަތީ ފާހަގަކުރެއްވިއެވެ. އަދި ހަނގުރާމަ ވަރުގަދަވާ ނަމަ އެ ކަނޑުއޮޅިއަށް ވެސް ހަމަލާ ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އިރާނުގެ ތާރީހުގައި އެމެރިކާއަށް ބައެއް ފިލާވަޅުތައް މީގެ ކުރިން ވެސް ވާނީ ނަގައިދީފައި. ނަމަވެސް އިރާނަށް އޮތް ޖިއޮގްރަފީ ބާރުގެ ނުފޫޒު އަދިވެސް އެމެރިކާއަށް ފަހުމެއް ނުވޭ،“ ވެލާޔަތީ ވިދާޅުވިއެވެ.
ޔަމަނުގެ އައްސޭރިފަށުގައި އޮންނަ ބާބުލް މަންދަބަކީ ރަތް ކަނޑާއި އަދަން ގަލްފް ގުޅުވައިދޭ ހަނި ކަނޑުއޮޅިއެކެވެ. މިއީ އެފްރިކާ ބައްރުގެ ޖިބޫތީ އާއި އެރިޓްރިއާ، އަދި ޔަމަނާ ދެމެދުގައި އޮންނަ، ދުނިޔޭގެ އިގްތިސާދީ މުހިންމު ނާރެހެކެވެ. ދެކުނު އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުން ޔޫރަޕަށް ދަތުރުކުރާ އުޅަނދުފަހަރު ސުއޭޒް ކެނަލަށް ވަނުމަށްޓަކައި ކޮންމެހެންވެސް މި ކަނޑުއޮޅި ހުރަސްކުރަން ޖެހެއެވެ.
ޔަމަނުގައި އަސްކަރީ ގޮތުން އޮތް އެންމެ ބޮޑު ބާރު ކަމަށްވާ، އިރާނުގެ މަދަދު ލިބޭ ހޫތީން ވެސް ވަނީ އިރާނާ އެކު ތިބިކަން ހާމަކޮށްފައެވެ. އަދި ބާބުލް މަންދަބު ކަނޑުއޮޅިއަށް ހަމަލާ ދޭން ތައްޔާރަށް ތިބި ކަމަށް މީގެ ކުރިން އެ ޖަމާއަތުން ވެސް ވަނީ އިންޒާރު ދީފައެވެ.





