އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ދީދީ މިއަދު މަގާމުން ވަކިކޮށްފިއެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ އިދާރާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކުރި ނަމަވެސް، އެ މަގާމުން އޭނާ ވަކިކުރި ވަކި ސަބަބެއް އެ ބޯޑުން ހާމަކޮށްފައެއް ނުވެއެވެ.
ހުސެއިން ދީދީގެ އިތުރުން، ސަރުކާރުގެ އެހެން ބައެއް މުހިންމު މަގާމުތަކުން ވެސް މިއަދު ވަނީ ބޭފުޅުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް ހިމެނެއެވެ. މީގެ އިތުރުން، ޚާރިޖީ ދާއިރާގައި ތިއްބެވި ދެ ބޭފުޅަކު ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. މި ދެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިންނެވެ.
ސަރުކާރުގެ މަތީ މަގާމުތަކަށް މި ބަދަލުތައް މި ގެނައީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. ވަކިން ހާއްސަކޮށް، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި، ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް ގިނަ ރައްޔިތުން ވޯޓު ދީފައި ވަނީ ދެ އިންތިޚާބު އެއްކޮށްނުލުމަށެވެ. އަދި ބައެއް ކައުންސިލް ގޮނޑިތައް ވެސް ސަރުކާރަށް ގެއްލި، އިދިކޮޅު އެމްޑީޕީން ވަނީ ކުރި ހޯދާފައެވެ.
ކެމްޕޭނަށް ބޮޑެތި ޚަރަދުތަކެއް ކުރި މި ވޯޓުތަކަކީ ސަރުކާރަށް އޮތް ތާއިދު ވަޒަންކުރެވޭނެ ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއިރު، ސަރުކާރަށް މިހާރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ސިޔާސީ މަގާމުތައް އިތުރުވެ، ރިކަރަންޓު ޚަރަދު ބޮޑުވަމުންދާތީއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ވައުދުވި ނަމަވެސް، މިހާރު އެ އަދަދު 3،000 އަށް ވުރެ ގިނަ ކަމަށް އިދިކޮޅުން ތުހުމަތު ކުރެއެވެ.
މިއަދު އެމްޑީ ވަކިކުރި އެގްރޯނެޓަކީ 2020 ވަނަ އަހަރު، ދަނޑުވެރިކަން ސިނާއަތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އޭރުގެ އެމްޑީޕީ ސަރުކާރުން އުފެއްދި ކުންފުންޏެކެވެ. އިގުތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން މިދިޔަ ސެޕްޓެމްބަރު މަހު އެ ކުންފުނި އުވާލަން ނިންމެވި ނަމަވެސް، ފަހުން ވަނީ އެ ނިންމުން ބަދަލުކޮށް، އުތުރުތިލަފަޅުގައި ކުރިއަށްދާ ދަނޑުވެރިކަމުގެ މަޝްރޫއުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތްތައް އަލުން ފެށުމަށް ނިންމާފައެވެ.





