މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި ހައްޔަރުކޮށްފައިވަނީ މާލެ، ދަފްތަރު ނަންބަރު ރސ 5268، އުމުރުން 37 އަހަރުގެ މުޙައްމަދު ޠާހާ އެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1 ގެ ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުންނެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި ޠާހާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ، މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ.
އޭނާ ދުއްވި ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރި ކަމަށް ފުލުހުންގެ މައުލޫމާތުން އެނގެއެވެ.
މި މައްސަލައާ ގުޅިގެން ޠާހާ ދުއްވި ސައިކަލު މިހާރު ވަނީ ޓޯކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.





