އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާދީ ފެށި ހަނގުރާމައަށް ފަހު، އެމެރިކާގެ ހަނގުރާމަމަތީ ދެ މަނަވަރު ފުރަތަމަ ފަހަރަށް ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފި ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މި ދަތުރާ ގުޅޭގޮތުން ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ ކަނޑުގެ ސިފައިންގެ ’ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ‘ ދެ މަނަވަރު މި ކަނޑުއޮޅި ހުރަސްކުރީ އެއްވެސް ނުރައްކަލަކާ ކުރިމަތިނުވެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާއިން މިހާރު ދަނީ އެ ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ ’މައިނުތައް‘ ނައްތާލައި ސާފުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.
އެމެރިކާގެ ’އެކްސިއޯސް‘ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އީރާނުގެ ކަމާބެހޭ ފަރާތްތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިއެވެ. ރައީސް ޓްރަމްޕް އޭނާގެ ’ޓްރުތް ސޯޝަލް‘ ޕްލެޓްފޯމުގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމަކީ ޗައިނާ، ޖަޕާން އަދި ފްރާންސް ފަދަ ގައުމުތަކަށް އެމެރިކާއިން ކޮށްދޭ ”ހެޔޮކަމެއް“ ކަމަށެވެ. އެއީ އެ ގައުމުތަކުގެ ކިބައިގައި މި މަސައްކަތް އަމިއްލައަށް ކުރުމުގެ ހިތްވަރެއް ނެތުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިނުތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަނގުރާމައިގައި އީރާނަށް ވަނީ ”ބޮޑު ބައްޔެއް“ ކުރިމަތިވެފައެވެ. އަދި އީރާނަށް މިހާރު އޮތް ހަމައެކަނި އުއްމީދަކީ އެމީހުން އަޅާފައިވާ ކަނޑު މައިނެއްގައި ކޮންމެވެސް މަނަވަރެއް ޖެހުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ބޮން އަޅަން ފެށުމާއެކު މި ކަނޑުއޮޅި އޮތީ ބަންދުކޮށްފައެވެ. ނަމަވެސް މި ހަފުތާގެ ކުރީކޮޅު އެކުލަވާލި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ އެންމެ މުހިންމު އެއް ޝަރުތަކީ މި ކަނޑުއޮޅި އަލުން ހުޅުވުމެވެ. މި މައްސަލައާ ގުޅޭގޮތުން އީރާނާއި އެމެރިކާގެ އިސް އޮފިޝަލުން މިހާރު ދަނީ ޕާކިސްތާނުގައި މަޝްވަރާ ކުރަމުންނެވެ.
މި ރިޕޯޓްތަކާ ގުޅިގެން ’އޭއެފްޕީ‘ އިން ކުރި ސުވާލުތަކަށް އެމެރިކާގެ ރަސްމީ އިދާރާތަކުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާއިރު، މި މަޝްވަރާތަކަކީ ސަރަހައްދީ ހަމަޖެހުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.





