މިއަދު އއ. ހިމަންދޫގައި، ސަރުކާރުގެ ފެންކުންފުނި އެމް.ޑަބްލިޔު.އެސް.ސީން ޤާއިމްކުރި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ޚިދުމަތް ރަސްމީކޮށް ފަށައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިމަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މިއީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެ ކުންފުންޏާއި ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ ބިޔަ މަޝްރޫޢެކެވެ. ހިމަންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ޖުމްލަ އަގަކީ 65,834,544.82 މިލިއަން ދިވެހި ރުފިޔާ އެވެ.
މި މަޝްރޫޢުގެ ދަށުން ހިމަންދޫގައި 6.35 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ޤާއިމް ކުރުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި 2 އާރް.އޯ ޕްލާންޓް ބަހައްޓާފައިވެ އެވެ. މީގެ އިތުރުން، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބަހައްޓައި، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ވަނީ ފޯރުކޮށްދީފައެވެ.
ނަރުދަމާ ނިޒާމަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ހިމަންދޫގައި 5.31 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ޤާއިމްކޮށްފައިވެ އެވެ. އަދި 956 މީޓަރގެ ޕަންޕިން ލައިން އެޅުމުގެ މަސައްކަތުގެ އިތުރުން، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، 3 ޕަންޕިންގ ސްޓޭޝަނާއި، 1 ސީ އައުޓް ފޯލް ވެސް ވަނީ ޤާއިމުކޮށްފައެވެ.
މިމަޝްރޫޢުގެ ދަށުން ޤާއިމްކުރެވުނު ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.





