ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ކުޅިވަރަށް ބޭނުންވާ ފަހި މާހައުލުތައް ގާއިމްކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ ތެރެއިން ބައެއް ތަންތަން ހެދުމަށް, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ފަސްދޮޅަސް ތިން ރަށެއްގައި ސެންޓަރުތައް ގާއިމްކުރުމަށް ރޭ، މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްއާ އެއްބަސްވުމުގައި ސޮއިކުރެވުނެވެ.
މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދެވެ. ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއުއެވެ. މި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކުޅިވަރު ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ސްޕޯޓްސް މިނިސްޓްރީން ބުނީ، މި މަޝްރޫޢުގެ ދަށުން، ރައްޔިތުންނަށް ކުޑަ އަގުތަކެއްގައި ކަސްރަތުގެ ވަސީލަތްތައް ބޭނުން ކުރަން ފުރުސަތު ތަނަވަސް ވެގެންދާނެ ކަމަށެވެ. އެއީ ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކުރުމަށް ސަރުކާރުން ދެއްވާ އިސްކަމުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި އެއްބަސްވުންތަކާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދުފުޅު ފުއްދެވުމުގައި އެ ކުންފުނިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ނަމަވެސް، އެއާޕޯޓް ހިންގާ ކުންފުންޏަކުން މިފަދަ ފިޓްނެސް ސެންޓަރުތައް ގާއިމު ކުރާ ސަބަބާ ގުޅޭގޮތުން އެ ކުންފުނިން ވެސް އަދި ސަރުކާރަކުން ވެސް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅަކީ އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ހެދުމެވެ. މި މަޝްރޫޢަކީ އެ ވައުދުފުޅު ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ބައެކެވެ.





