އެމެރިކާއިން ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، އީރާނުގެ ބަނދަރުތައް ހިޞާރުކޮށްފައި އޮތް ނަމަވެސް، ވޮޝިންގްޓަނުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ތެޔޮ އުފުލާ އުޅަނދެއް އެ ކަނޑުއޮޅި ކާމިޔާބުކަމާއެކު ހުރަސްކޮށްފިއެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުމުގެ މަތިން މިދިޔަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ހުރްމުޒް ބަންދުކޮށް، އީރާނުގެ ބަނދަރުތައް ހިޞާރުކުރަން ފެށި ފަހުން، އެމެރިކާގެ ފިޔަވަޅުތަކާ ކުރިމަތިވެފައިވާ އުޅަނދެއް މި ސަރަޙައްދު ހުރަސްކުރި ފުރަތަމަ ފަހަރެވެ.
ކަނޑު ދަތުރުފަތުރުގެ ހަރަކާތްތައް ބަލަހައްޓާ ބައިނަލްއަޤުވާމީ އިދާރާތަކެއް ކަމަށްވާ ކެޕްލަރ އަދި މެރިންޓްރެފިކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ދަތުރުކޮށްފައި ވަނީ ޗައިނާގެ ޝޮންގްހާއި ޝުއަންރަން ޝިޕިންގް ކުންފުނީގެ ”ރިޗް ސްޓާރީ“ ނަމަކަށް ކިޔާ ތެޔޮ އުފުލާ ޓޭންކަރެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި އުޅަނދު ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށްފައި ވަނީ އެ ސަރަޙައްދު ބަންދުކުރުމަށް ހަރަކާތްތެރިވަމުންދާ އެމެރިކާގެ އަސްކަރީ މަނަވަރުތަކުގެ ކުރިމަތިންނެވެ.
”ރިޗް ސްޓާރީ“ އަކީ އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެކެވެ. ނަމަވެސް މި ފަހަރުގެ ދަތުރުގައި އެ އުޅަނދު ތެޔޮ ބަރުކޮށްގެން ފުރާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ (ޔޫއޭއީ) ޙަމްރިއްޔާ ބަނދަރުންނެވެ. މިކަމާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނެފައި ވަނީ، ޓްރަމްޕްގެ ޙިޞާރުގެ ފިޔަވަޅުތައް ތަންފީޒުކުރަމުން ދަނީ ހަމައެކަނި އީރާނަށް ބަނދަރުކުރާ އަދި އެ ޤައުމުން ފުރާ އުޅަނދުފަހަރަށް އެކަނި ކަމަށެވެ.
އެހެންނަމަވެސް، މީގެ ކުރިން ރައީސް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ އުޅަނދަކަށް ހުރަސްއަޅައި ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ”ރިޗް ސްޓާރީ“ ގެ އިތުރުން، ރަޝިޔާއާއި އީރާނުގެ ތެޔޮ އުފުލުމުގެ ސަބަބުން އެމެރިކާއިން ފިޔަވަޅު އަޅާފައިވާ ”މުރްލީކިޝަން“ ނަމަކަށް ކިޔާ އުޅަނދެއް ވެސް ދާދިފަހުން ވަނީ މި ކަނޑުއޮޅި ހުރަސްކޮށް ޢިރާޤުގެ ބަނދަރަކަށް ދަތުރުކޮށްފައެވެ. މި ހާދިސާތަކުގެ ސަބަބުން އެމެރިކާއިން ކުރިއަށްގެންދާ ޙިޞާރުގެ ފައިދާއާމެދު ވަނީ ސުވާލު އުފެދިފައެވެ.





