މިއަހަރުގެ މާރިޗު މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު އިތުރުވެ، އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ކަސްޓަމްސްއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ މާރިޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 351 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 350 މިލިޔަން ރުފިޔާއެވެ.
އިމްޕޯޓް ކުރި މުދަލުގެ އަގަށް ބަލާއިރު، މާރިޗު މަހު ރާއްޖެއަށް 5.7 ބިލިޔަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހު އިމްޕޯޓްކުރި 4.4 ބިލިޔަން ރުފިޔާގެ މުދަލާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.60 ބިލިޔަން ރުފިޔާގެ ތެޔޮ އެތެރެކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ 1.05 ބިލިޔަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތްތަކެވެ. ތިންވަނައަށް އެންމެ ގިނައިން އެތެރެކުރީ 959 މިލިޔަން ރުފިޔާގެ މެޝިނަރީއާއި މެކޭނިކަލް ސާމާނެވެ.
ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވާ ޤައުމުތަކަކީ:
- އޮމާން: 1.3 ބިލިޔަން ރުފިޔާގެ މުދާ
- ޗައިނާ: 885 މިލިޔަން ރުފިޔާގެ މުދާ
- އިންޑިއާ: 806 މިލިޔަން ރުފިޔާގެ މުދާ
- ޔޫއޭއީ: 514 މިލިޔަން ރުފިޔާގެ މުދާ
- ސިންގަޕޫރު: 392 މިލިޔަން ރުފިޔާގެ މުދާ
އެކްސްޕޯޓަށް ބަލާއިރު، މާރިޗު މަހު ރާއްޖެއިން 83 މިލިޔަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ 51 މިލިޔަން ރުފިޔާގެ ދަޅުމަހެވެ. މީގެ އިތުރުން 8 މިލިޔަން ރުފިޔާގެ ރޯމަސްވެސް ވަނީ އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެއީ 45 މިލިޔަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކުރީ އިންޑިއާ (8 މިލިޔަން ރުފިޔާ)، ޖަރުމަނުވިލާތް (6 މިލިޔަން ރުފިޔާ)، ފްރަންސޭސިވިލާތް (5 މިލިޔަން ރުފިޔާ) އަދި ކޮސްޓަރިކާ (5 މިލިޔަން ރުފިޔާ) އަށެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މާރިޗު މަހުގެ ތެރޭގައި ރާއްޖެއަށް 168 އުޅަނދު އައިސްފައިވާއިރު، 177 އުޅަނދު ވަނީ ރާއްޖެއިން ފުރާފައެވެ.





