ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެއާޕޯޓުން އަތުލައިގަނެވުނު މި ތަކެތި ތަހުލީލު ކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ”އެމްފެޓަމިން“ ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
މި ތަކެތީގެ ބަރުދަނުގައި ކިލޯއަކަށްވުރެ ގިނަ ހުރިއިރު، މީގެ މަގުމަތީ އަގު 3.3 މިލިޔަން ރުފިޔާއަށްވުރެ ގިނަވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
ފުލުހުންނާއި އިމިގްރޭޝަންއާ ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 86 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގެ މި މުއްދަތާ އަޅާބަލާއިރު ރެކޯޑް އަދަދެކެވެ.
ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކޮށް، ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އަންނަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ވަކިން ހާއްސަކޮށް، ރާއްޖޭން ބޭރުގައި ތިބެގެން މިފަދަ ވިޔަފާރިތައް ހިންގާ ފަރާތްތައް ހޯދައި ހުއްޓުވުމުގެ މަސައްކަތްވެސް މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.
މަސްތުވާތަކެތީގެ އިތުރުން، ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކުރާ އެހެނިހެން ތަކެތި އަތުލައިގަތުމުގައިވެސް ކަސްޓަމްސްއިން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ވޭތުވެދިޔަ ދޮޅު މަސްދުވަހުގެ ތެރޭގައި 7000 އަށްވުރެ ގިނަ ވޭޕް ސްޓިކާއި، ގަވާއިދާ ހިލާފަށް އެތެރެކުރި 2 މިލިޔަން ސިނގިރޭޓު ވަނީ އަތުލައިގަނެފައެވެ.






Mihin’gaa November mahu thivaru athulumakee dhuniyeyga Recordeh
Habareh thafseeluga November othumakeeves recoedeh