އއ. ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދޭން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިކަން ހާމަކުރެއްވީ އެރަށުގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށާއި، މޫސުން ގޯސްވާ ދުވަސްވަރު ފަތުރުވެރިންނަށް ދިމާވާ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުންނެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ ރަށްރަށުގެ އިޤްތިޞާދީ މަސައްކަތްތައް ކުރިއެރުވުމަށް ކަމަށެވެ. އެގޮތުން، ތޮއްޑޫއަކީ ދަނޑުވެރިކަމާއި ފަތުރުވެރިކަން ކުރިއަރާފައިވާ ފާހަގަކޮށްލެވޭ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިހާރުވެސް ތޮއްޑޫގައި ފަތުރުވެރިކަމުގެ ދާއިރާއިން 80 ވަރަކަށް ވިޔަފާރި ހިނގަމުންދާ ކަމަށާއި، އެރަށުގައި ފަތުރުވެރިކަމަށް އެތައް އެނދެއް ހުރިއިރު، ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވެގެން ދިއުން ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަކީ ފަތުރުވެރިންގެ ފަރާތުން ހުރި ބޮޑު ކަންބޮޑުވުމަކަށް ޙައްލެއް ގެނެސްދޭނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ޚާއްސަކޮށް މޫސުން ގޯސްވެ، ކަނޑުގަދަވާ ޙާލަތްތަކުގައި ފަތުރުވެރިން ކުރާ ދަތުރުތަކަށް ބުރޫ އަރާކަމުގެ ޝަކުވާތައް އޮތްއިރު، ސީޕްލޭން ޚިދުމަތަކީ އެކަމަށް ނިމުމެއް ގެނެސްދޭނެ ކަމެއް ކަމަށް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
ތޮއްޑޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ފައްކާވެފައިވާ، އަދި ގިނަ ފަތުރުވެރިންތަކެއް ޒިޔާރަތްކުރާ ރަށެކެވެ. ފަތުރުވެރިކަމުގެ އިތުރުން، ތޮއްޑޫން އެންމެ ބޮޑު ނަފާއެއް ހޯދަނީ ދަނޑުހައްދައިގެންނެވެ. އެގޮތުން، ތޮއްޑޫއަކީ ކަރާ ހެއްދުމަށް މަޝްހޫރު ރަށެކެވެ؛ ޚާއްސަކޮށް ރަމަޟާން މަހު އެރަށުގެ ކަރަލަށް ބޮޑު ޑިމާންޑެއް އުފެދެއެވެ.
ޢާންމުކޮށް ރިސޯޓްތަކަށް ޚިދުމަތް ދެމުން އަންނަ ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ލޯކަލް ޓޫރިޒަމް އޮތް ރަށްރަށަށް ފެށުމުގެ މަސައްކަތް މިހާރު ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން، މިދިޔަ ހަފުތާގައި ރައީސް ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދުއަށްވެސް ވަނީ ހޯކްސް ކުންފުންޏާ ގުޅިގެން ސީޕްލޭންގެ ޚިދުމަތް ފަށައިފައެވެ.





