ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެއްޗަކީ ކެއިންބުއިމުގައި ރައްކާތެރި، ދުޅަހެޔޮ އަދި އިތުބާރުކުރެވޭ ފަދަ ތަކެއްޗަށް ހެދުމަށް ސަރުކާރުން ދެގޮތެއްނުވެ މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިޔަގީންކަން ދެއްވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޚާއްޞަ ޕޯސްޓެއްގައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ނައްތާލުމާއި، އާންމު ބަލިތަކުން އަރައިގަތުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމަށް ކުރަމުންދާ މަސައްކަތުގެ މުހިއްމުކަން މިފަދަ ދުވަހެއްގައި ހަނދާނަށް ގެންނަންޖެހޭ ކަމަށެވެ. ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތަކަކީ ހަރުދަނާ ނިޒާމެއްގެ ތެރެއިން، ދިރާސީ މަޢުލޫމާތުގެ އަލީގައި މުޖުތަމަޢުގެ ހުރިހާ އެންމެން ގުޅިގެން ކުރާ މަސައްކަތުން ރައްކާތެރިވެވޭނެ ބަލިތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ މުހިއްމު ސިޔާސަތުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު އެކުލަވާލުމާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށެވެ. އަދި ކާބޯތަކެތީގެ ބާވަތްތައް ޓެސްޓުކުރުމާއި މޮނީޓަރ ކުރެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތައްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޣައްޒާއާއި ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި ރައްކާތެރި ކާބޯތަކެތިން މަޙުރޫމްވެ، ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން މަޖުބޫރުވެފައިވާ ފަރާތްތަކުގެ މަތިން ހަނދާންކުރައްވާފައެވެ. މިފަދަ އިންސާނީ ކާރިސާތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. ހަރުދަނާ ގުޅުންތަކާއި ވަރުގަދަ މިންގަނޑުތަކާއެކު ދުނިޔޭގެ ހުރިހާ އެންމެނަށް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ ޖޫން މަހުގެ 7 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ ”ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ“ އެވެ. ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމުޢިއްޔާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 800 މިލިއަން މީހުން ބަލިވާއިރު، 1.52 މިލިއަން މީހުން މަރުވާކަމަށް ރިކޯޑުކުރެވިފައިވެއެވެ.





