ތ. ވިލުފުށީގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ ތ. ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ވިލުފުށީ މަގުމަތިން މި ތިން މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 41.62 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:
- ޙަސަން ވަޙީދު (28އ)، ބުލޫބެލް / ދ. ހުޅުދެލި
- މޫސާ ފާތިކު (31އ)، ޗަމްޕާޕޫލްގެ / ތ. ވިލުފުށި
- ޢާޞް އިބްރާހީމް (34އ)، ހިރި / ތ. ތިމަރަފުށި
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން ވަޙީދު އާއި މޫސާ ފާތިކުގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ. އަދި ޢާޞް އިބްރާހީމްގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރާއި ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.





