ޅ. ހިންނަވަރުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސާއި، ނައިފަރު ޕޮލިސް ސްޓޭޝަން އަދި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން މި މަހުގެ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ:
- ޢަބްދުލްމަޖީދު ރަޝާދު (35އ)، ކަރެޝްމާ / ޅ. ހިންނަވަރު
- މުޙައްމަދު ސައްޖާދު ޢަލީ (34އ)، ސަރަހަ / ޅ. ހިންނަވަރު
- އަލްމާސް މުޙައްމަދު (24އ)، ދިލްޝާދު އާދަން / ޅ. ހިންނަވަރު
- ޢަހުދު އިބްރާހީމް (34އ)، ދުވާފަރު / ޅ. ހިންނަވަރު
މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަހުދު އިބްރާހީމް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ދެން ތިބި ތިން މީހުން ކަމަށްވާ ޢަބްދުލްމަޖީދު ރަޝާދާއި، މުޙައްމަދު ސައްޖާދު ޢަލީގެ އިތުރުން އަލްމާސް މުޙައްމަދު ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ދީފައެވެ.
މަސްތުވާތަކެތީގެ މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





