ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ލާމިއާ، އަޙްމަދު އުވައިސް (22 އަހަރު) އަދި ނ. ވެލިދޫ، އިހާޒް، މުޙައްމަދު އަނޫފް (25 އަހަރު) އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، މި ދެ މީހުން ފިލުވަން އެހީތެރިވެދީފައިވަނީ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މީހެކެވެ. މި މީހުންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަށް ބާރުދޭ އެކަށީގެންވާ ހެކި ކޯޓަށް ހުށަހަޅާފައިވާކަން އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ހެކީގެ ގޮތުގައި ހެކިންގެ ބަޔާންތަކާއި، ހާދިސާގެ ރިޕޯޓާއި، ސީސީޓީވީ ފުޓޭޖްގެ އިތުރުން ފުޓޭޖްތަކުން ނަގާފައިވާ ސްނެޕްޝޮޓްތައް ވެސް ފުލުހުން ވަނީ ހުށަހަޅާފައެވެ.
ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި މި ދެ މީހުންގެ ފަރާތުން ބަންދަށް ލުއި ދިނުމަށް އެދިފައިވީ ނަމަވެސް، މައްސަލައިގެ ކުށް ބޮޑުކަމަށާއި ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް ކޯޓުން ނިންމީ އެ މީހުން ބަންދުގައި ބޭތިއްބުމަށެވެ. މީގެ ތެރެއިން އަޙްމަދު އުވައިސްއަކީ މީގެ ކުރިން ވެސް ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް މީހެއްކަން ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.





