ވެނެޒުއޭލާއަށް މިދިޔަ ބުދަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1،430 އަށް އަރައިފި ކަމަށް އެ ގައުމުގެ ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ލިބެމުންދާ އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ބިންހެލުންތަކުގައި މަރުވި މީހުންގެ އިތުރުން މަދުވެގެން 3،238 މީހަކު ވަނީ ޒަހަމުވެފައެވެ. އަދިވެސް 68،900 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މަރުވި މީހުންގެ އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.
މިދިޔަ ބުދަ ދުވަހު ކުރިމަތިވި މި ކާރިސާއަކީ ފާއިތުވި 123 އަހަރުގެ ތެރޭގައި ވެނެޒުއޭލާއަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި އެންމެ ހިތާމަވެރި ގުދުރަތީ ހާދިސާއެވެ. މި ބިންހެލުންތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އެ ގައުމުގެ ވެރިރަށް ކަރާކަސް އާއި އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ލާ ގުއާރާ އަށެވެ. މި ސަރަހައްދުތަކުގެ ގިނަ އިމާރާތްތަކެއް ބިންާހަމަވެ، އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.
ވެނެޒުއޭލާގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން މިފަދަ ބޮޑު ބިންހެލުމެއް އައީ 1997 ވަނަ އަހަރުއެވެ. އެފަހަރުގެ ބިންހެލުމުގައި މަރުވީ 73 މީހުން ކަމަށް ރެކޯޑް ކުރެވިފައިވާއިރު، މިފަހަރުގެ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް އެތައް ގުނައަކަށް ބޮޑުކަން ފާހަގަކުރެވެއެވެ.
މިވަގުތު އެ ގައުމުގެ ސަލާމަތީ ބާރުތަކުންނާއި فرަސްމީ އިދާރާތަކުން ދަނީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންނެވެ.





