ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓާ، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދެއްވާ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށެވެ. އަދި ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެތައް އަހަރެއްވަންދެން މޫލަމުންދިޔަ ނުރަނގަޅު އާދަތަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މަސައްކަތްތައް ކުރިއަށްދަނީ ގިނަ ގޮންޖެހުންތަކަކާއެކު ކަމަށެވެ. ނަމަވެސް، ރައްޔިތުން ބަލައިގަންނަ ފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ ތެރޭގައި ޤާނޫނީ ބަދަލުތައް ގެނައުމާއި، ޒަމާނީ އުމްރާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތް ތަރައްޤީކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ދިނުމަށް އިތުރު މަރުކަޒަކާއި ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ. މީގެ އިތުރުން ދ. ވާނީގައި ހިންގާ ތަމްރީނު މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެ ކަމަށާއި، މިހާރު ކުރިއަށްދާ އިމާރާތް ކުރުމުގެ މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ މުޖުތަމަޢަށް މާނަހުރި ބަދަލެއް އަންނާނެ ކަންތައްތަކެއް ކަމަށް ވިދާޅުވަމުންނެވެ. އަދި އެ މަސައްކަތްތަކަކީ އިޚްލާސްތެރިކަމާއި ޤައުމީ ލޯތްބާއެކު ކުރައްވާ މަސައްކަތްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.





