ފޯރިގަދަ ކުޅުމަކަށްފަހު ޕެނަލްޓީ ޖަހައިގެން 3-2 އިން ނެދަލޭންޑްސް ބަލިކޮށް، ފީފާ ވޯލްޑް ކަޕްގެ ގަދަ 16 އަށް މޮރޮކޯ ދަތުރުކޮށްފިއެވެ.
މިއީ ވޯލްޑް ކަޕްގެ ގަދަ 16 އިން މޮރޮކޯ ޖެހިޖެހިގެން ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގައި މޮރޮކޯ ވަނީ މުބާރާތުގެ ސެމީފައިނަލާ ހަމައަށް ދަތުރުކޮށް ދުނިޔެ ސައިރަން ކުރުވާފައެވެ.
މެކްސިކޯގައި ކުޅުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް، ދެ ޓީމުން ވެސް ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި ހާފުގައި ދެ ޓީމުގެ ގޯލްކީޕަރުންގެ ފަރާތުން ހުޝިޔާރު ސަލާމަތްކުރުންތަކެއް ފެނިގެންދިޔައެވެ.
ދެވަނަ ހާފުގެ ކުރީކޮޅު މޮރޮކޯގެ ކެޕްޓަން އަޝްރަފް ހަކީމީއަށް ލީޑު ނަގައިދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނެދަލޭންޑްސްގެ އޭރިއާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ވެސް ހަކީމީއަށް ލިބުނު ފުރުސަތެއްގައި ހަމަލާ ފޮނުވާލުމުގެ ކުރިން، ނެދަލެންޑްސްގެ ޑިފެންޑަރު މިކީ ވެން ޑެ ވެން ވަނީ ހުޝިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ލަނޑު 72 ވަނަ މިނެޓްގައި ކާމިޔާބުކޮށް ނެދަލޭންޑްސަށް އުންމީދު އާކޮށްދިނީ ކޯޑީ ގަކްޕޯއެވެ. ނަމަވެސް، ނެދަލޭންޑްސް މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯގެ އިސާ ޑިއޮޕް ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
ޕެނަލްޓީގައި ނެދަލޭންޑްސްގެ ޖަސްޓިން ކްލައިވެޓް، ކުއެންޓިން ޓިމްބާ އަދި ސަމަވިލް ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބުވިއިރު، އެ ޓީމަށް ކާމިޔާބު ކުރެވުނީ ކޫޕްމެއިނާސް އާއި ވެގޯސްޓް ފޮނުވާލި ޕެނަލްޓީތަކެވެ. މޮރޮކޯއިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން އަނައޫއީ އާއި ހަކީމީގެ ޕެނަލްޓީ ނާކާމިޔާބުވި ނަމަވެސް، އިސްމާއިލް ސައިބާރީ ވަނީ ފަހު ޕެނަލްޓީ ކާމިޔާބުކޮށް މޮރޮކޯ ގަދަ 16 އަށް ގެންގޮސްދީފައެވެ.
މުބާރާތުގެ ގަދަ 16 ގައި މޮރޮކޯ ބައްދަލުކުރާނީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއާއެވެ. ކެނެޑާ ގަދަ 16 އިން ޖާގަ ހޯދީ ދެކުނު އެފްރިކާ 1-0 އިން ބަލިކޮށްގެންނެވެ.





